ޕާކިސްތާނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މަރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ޕާކިސްތާނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މަރު
ޕާކިސްތާންގެ ލައްޔާހުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ހަތް މީހަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު، ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ އެސަރަހައްދުގެ ސުކޫލެއްގެ ވޭނެއްގައި ދަތުރުކުރި ކިޔަވާ ހަ ކުއްޖަކާއި ވޭންގެ ޑްރައިވަރެވެ. އެ ހާދިސާ ހިނގާފައިވަނީ، ދަތުރު ކޮށްފައި ދިޔަ ސުކޫލް ވޭންއާއި ޓްރަކެއް މުޑިއަރައިގެންނެވެ.

އެ ހާދިސާގައި 7 މީހަކު މަރުވެފައިވާއިރު 9 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުން ބެނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބޮޑަށް ލަފާ ކުރެވެނީ ބޯ ދުންފިނީގެ ސަބަބުން މަގުމަތި ސާފުކޮށް ނުފެނުމުންނެވެ.

ހާދިސާގައި އަނިޔާ ލިބުނު ފަރާތް ތަކަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ބޭސް ފަރުވާ ގެ ކަންތައް ކުރިއަށް ގެންގޮސް ދެއްވުމަށް އެދި ކަމާއިބެހޭ ފަރާތް ތަކަށް، ލައްޔާހް ސަރަހައްދުގެ ޗީފް މިނިސްޓަރ މިއަން ޝައްބާޒު ވަނީ ދަންނަވާފައެވެ.

އަދި މިންސްޓަރު ވަނީ، ހާދިސާގައި މަރުވި ފަރާތް ތަކުގެ އާއިލާ ތަކަށް ތައުޒިޔާ ވިދާޅުވެ އެކަމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންފައެވެ.
މިއަދު އޮންލައިން