އޯއައިސީގެ 54 ޤައުމަކުން ބައިވެރިވާ "އާއިލާ އާއި ކައިވެނި" ދުނިޔޭގެ މަހާސިންތާ މިމަހުގެ 8 އަދި 9 ވަނަ ދުވަހު ސައުދިއަރަބިޔާގެ ޖިއްދާގައި ބާއްވަން ނިންމައިފިއެވެ.
މި ބައްދަލުވުމަކީ ކައިވެނި ރޫޅުމާއި އެނޫންވެސް ޢާއިލީ މައްސަލަތައް ދިރާސާކޮށް ދުނިޔޭގެ ފެންވަރުގައި އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެކަންކަމަށް މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ.
އޯއައިސީ އިން ބުނީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ކައިވެނިތައް ރޫޅުން ހުއްޓެންޖެހޭ ކަމަށާއި ޢާއިލީ ގުޅުންތައް ހަރުދަނާކުރެވެންޖެހޭ ކަމަށެވެ. ޤައުމަށް ފައިދާހުރި ދަރިންތަކެއް އުފެއްދޭނީ މިކަންކަން ފުރިހަމަކުރެވިގެން ކަމަށެވެ.
ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް ޢާއިލީ މައްސަލަތަކާއި ވަރި، މުސްލިމް ޤައުމުތަކުގައި ގިނަކަން އޯއައިސީ އިން ފާހަގަކުރެއެވެ. ކައިވެނި ދެމެހެއްޓުމާއި އާއިލީ ގުޅުންތައް ބަދަހިކުރުމަކީ އިސްލާމީ އެންމެ މުހިންމު ރުކުން ކަމަށްވާއިރު އެ ރުކުން ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަންވެސް އޯއައިސީ އިން ވަނީ ފާހަގަކޮށްފައެވެ.