ފަލަސްޠީނުގެ ބިންތަކުގަ ޔަހޫދީން ގެދޮރުވެރިކުރުމުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕަށްވެސް އިޒްރޭލުން ބޯނުލަނބާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުގެ އޮފިޝަލަކު މިމޭރުމުން ބުނީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ގެދޮރުވެރިކުރުވުމަކީ ޞުލްހައަށް ފައިދާކުރާނެ ކަމަކަށް ނުވެދާނެ ކަމަށް ވައިޓް ހައުސް އިން ބުނުމާއި ގުޅިގެންނެވެ. ވައިޓް ހައުސް އިން މިކަމުގައި ބަހެއް ބުނެފައި މިވަނީ މިކަމުގައި ވައިޓް ހައުސްގެ ބަހެއް ބޭނުން ކަމަށް ފަލަސްޠީނުން ބުނުމާއި ގުޅިގެންނެވެ.
ޔަހޫދީ ބޮޑުވަޒީރު ނަތަޔާންހޫ އިއްޔެ ބުނީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގެދޮރުއެޅުން އެއްވެސް ބައަކަށް ނުހުއްޓުވޭނެ ކަމަށާއި ގެތައް އަޅަމުން ގެންދާނެ ކަމަށެވެ.
އިޒްރޭލަށް އެމެރިކާއިން ކަނޑައަޅާފައިވާ އެމްބެސެޑަރު ބުނީ ވައިޓް ހައުސްގެ ބަހަކީ މިކަމުގައި އިޒްރޭލުގެ ސިޔާސަތު ބަދަލުކުރަންޖެހޭވަރުގެ ބުރަދަންހުރި ބަހެއް ނޫން ކަމަށެވެ.
ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާއި ޓްރަމްޕް ހަވާލުވިފަހުން އިޒްރޭލުން ވަނީ ހިފާފައިވާ ބިންތަކުގައި 12000 އަށްވުރެ ގިނަ ގެތައް އަޅަން ނިންމައި އެއިގެ ތެރެއިން 6،000 ގެ އަޅަން ފާސްކޮށްފައެވެ.