އެމެރިކާގައި ކިޔަވަމުން ގެންދިއަ ސީރިޔާގެ ދަރިވަރުންނަށް އެނބުރި އެމެރިކާއަށް އައުމުގެ ފުރުޞަތު ނުދޭން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމުމުން އަވަށްޓެރި މެކްސިކޯ އިން ސީރިޔާގެ 30 ދަރިވަރަކަށް އެ ޤައުމުގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ.
މެކްސިކޯ އިން ބުނީ 30 ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނީ ޓްރަމްޕުގެ ނިންމުމުގެ ސަބަބުން އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަނުކުރެވުމުން ލިބޭނެ ގެއްލުންތަކުން ދަރިވަރުން ސަލާމަތް ކުރުމަށް ކަމަށެވެ.
މީގެ 3 އަހަރު ކުރިން މެކްސިކޯގައި ތަޢާރަފްކުރި "ހެބޭޝާ" އިނިޝިއޭޓިވްގެ ދަށުން މި 30 ދަރިވަރުން މެކްސިކޯގައި ކިޔެވުމަށް އެޙީތެރިވެދޭނީ މެކްސިކޯގެ ދަރިވަރުންނެވެ.
މި ޕްރޮގްރާމުގެދަށުން ފުރަތަމަ މެކްސިކޯއަށް ދިއަ ސީރިޔާގެ ދަރިވަރު ސަމާޙް ޢަބްދުލްހާމިދު އަށް މަރުހަބާ ކިޔުމަށް މެކްސިކޯ އެއާޕޯޓްގައި ވަނީ ޚައްބަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އޭނާގެ އިސްތިޤްބާލުގައި ގިނަ އަދަދެއްގެ ނޫސްވެރިން ތިއްބެވެ.
ސަމާޙް ބުނީ އޭނާއަކީ ސީރިޔާގެ ހަލްބަށް ނިޞްބަތްވާ ދަރިވަރެއް ކަމަށާއި އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ. "އަހަރެމެންގެ ދިރިއުޅުން ހަލާކުވެގެން ދިއައީ ޓެރަރިސްޓުންގެ ސަބަބުން. ދުވަހަކުވެސް ޓެރަރިޒަމްގެ އަމަލެއް ނުހިންގާނަން. ސީރިޔާގެ ރައްޔިތުންނަކީ ޓެރަރިސްޓުންނެއް ނޫން. ސީރިޔާގަ ޓެރަރިޒަމްގެ ކަންތައްތައް ހިންގަނީ އެހެން ޤައުމުތަކުން ގޮސްތިބި ބައެއް." ކަމަށްވެސް ޙާމިދު ވަނީ ބުނެފައެވެ.