އިންސާނުންނަށް އެންމެ މުހިންމު އިންސާނީ ހައްޤަކީ ދިރިހުރުމުގެ ހައްޤުކަން އެއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. ނަމަވެސް އދ އަށާއި އެމެރިކާއަށް އަދި އީޔޫއަށް އެންމެ މުހިންމު އިންސާނީ ހައްޤަކީ ދީނީ މިނިވަންކަމާއި ބަރަހަނާކޮށް މަގުމަތީގައި އުޅުމުގެ ހައްޤުތަކެވެ.
މިކަންހާމަވެގެންދަނީ އެފަރާތްތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކަންކަން ކުރަމުން ގެންދާ ގޮތުންނެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި އެއްޖިންސުން ކައިވެނި ކުރުމުގެ ހައްޤު ނެތުމުން ރާއްޖެއާއިމެދު މިވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އަޅާފައިވަނީވެސް ރައްޔިތުންނަށް އެންމެ ގެއްލުން ބޮޑުވާނެ ފިޔަވަޅެވެ. ރާއްޖޭގެ އާބާދީގެ 80 އިންސައްތަ މީހުންނަކީ މަސްވެރިންނެވެ.
މަސްވެރިކަމުން ލިބޭ އާމްދަނީން ދިރިއުޅޭ ބައެކެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުމުގައި ދަތިކޮށް އަދި ބޮޑު ޑިޔުޓީ ނެގުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން 80 އިންސައްތަ ރައްޔިތުންގެ ގޮހޮރުގައި ނަރެއް ބެއްދުންފަދަ ކަމެކެވެ.
މިޔަންމާގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިއަދު ވަނީ ދިރިތިބުމުގެ ހައްޤުގެއްލިފައެވެ. ބޭނުން އިރަކު މިޔަންމާގެ އަނިޔާވެރި ލީޑަރު ސޫކީ އެގެންދަނީ ސިފައިންނާއި ފުލުހުން ފޮނުވައިގެން މަރައި ހުސްކުރަމުންނެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންވެސް ހިމެނޭ ގޮތުންނެވެ. އެމީހުންގެ ގެދޮރުގައި ގެންދަނީ ހުޅުޖަހައި އަންދަމުންނެވެ. ކުޑަ ކުއްޖަކަށް ބެލުމެއް ނެތި އެގެންދަނީ އިއްފަތްތެރިކަން ފޭރެމުންނެވެ.
މިކަންކަން އދ ގެ ރިޕޯޓްތަކުން ހާމަކުރަމުން ގެންދާއިރު ސޫކީގެ އަނިޔާވެރިކަމާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަދިވެސް އދ އިން އަޅާފައެއް ނުވެއެވެ. ކުރެވުނު ހަމަ އެއްވެސް ކަމެއް އޮތްކަމަކަށް ނުވެއެވެ. އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި މީހުން ފޮނުވައިގެން ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހާލަތު ބެލުމުގެ ނަމުގައި އެނިކަމެތިންގެ އަނގަ ގޮއްވުން ފިޔަވައެވެ.
ވީއިރު އދ އިން އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި ދައްކާ ވާހަކަތައް އަޑުއެހުމަކީ ބޭކާރު ވަގުތުތަކެއް ހޭދަކުރުން ނޫން ދެވަނަ އެއްވެސް ކަމެއް ނޫނެވެ. މޮޔައިން ނޫނީ އދ ގެ އަޑު އަހާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ގުޅުންހުރި އަލްޖަޒީރާގެ މުހިންމު ލިޔުމެއް:
http://www.aljazeera.com/news/2017/02/rohingyas-killed-myanmar-crackdown-
170203101817841.html