7 ޤައުމުގެ މުސްލިމުން އެމެރިކާއަށް ނާރުވަން ޓްރަމްޕުކުރި އަމުރު ބާޠިލްވާފަދަ ހުކުމެއް އެމެރިކާގެ ސީޓްލްގެ ފަނޑިޔާރަކު ކޮށްފިއެވެ. ފަނޑިޔާރުގެ އަމުރުގައި ބުނެފައިވަނީ "މިވަގުތުން ފެށިގެން ޓްރަމްޕުގެ އަމުރު ޤައުމުގެ އެއްވެސް ސަރަހައްދެއްގައި ކުރިއަށް ނުގެންގޮސް ހުއްޓާލެވިދާނެ" ކަމަށެވެ.
ފަނޑިޔާރު މިއަމަރު ނެރުނީ އިއްޔެއެވެ. މި އަމުރު ނެރުނު ނަމަވެސް ޓްރަމްޕަށް އޭނާގެ އަމުރު ތަންފީޒު ކުރެވިދާނެއެވެ. އޭނާއަށް ލިބިދީފައިވާ ބާރުގެ ބޭނުންކޮށްގެންނެވެ.
ފަނޑިޔާރު ޖޭމްސް ރޮބަރޓް ކުރި ޙުކުމުގައި ސީދާ އެކަމަށް އަމުރުކުރުމުގެ ބަދަލުގައި ބުނެފައިވަނީ ޓްރަމްޕުގެ ޤަރާރަށް އަމަލުކުރުން ހުއްޓައިލެވިދާނެ ކަމަށެވެ. ސީދާ ހުއްޓާލުމަށް އަމުރުކޮށްފައެވެ ނުވެއެވެ.
މި ހުކުމާއި ގުޅިގެން ވޮޝިންގޓަންގެ ސޮލިސިޓަރ ޖެނެރަލް ނޯއަ ޕުރުސެލް ބުނީ ފަނޑިޔާރުގެ ޙުކުމުގެ ސަބަބުން އިއްޔެ އަކީ އެމެރިކާގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހަކަށް ވެގެން ހިނގައްޖެ ކަމަށެވެ. ސްޓޭޓްގެ އެޓަރނީ ޖެނެރަލް ބޮބް ފަރގުސަން ބުނީ މިހުކުމާއި ގުޅިގެން ޓްރަމްޕުގެ އަމުރަށް އަމަލުކުރުން ވަގުތުން ހުއްޓާލާނެ ކަމަށް ފެންނަ ކަމަށާއި މިހުކުމުގެ ސަބަބުން ޓްރަމްޕުގެ އަމުރު ބާޠިލުވެފައިވާކަމަށް ފެންނަ ކަމަށެވެ.
ޓްރަމްޕު ނެރުނު އަމުރުގެ ސަބަބުން އޭނާ އާއި ދެކޮލަށް އެމެރިކާގައި ވެސް ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.