ސްރީލަންކާގެ 69 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ އިހްތިފާލްތައް ކުރިއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސްރީލަންކާގެ 69 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ އިހްތިފާލްތައް ކުރިއަށް!
ސްރީލަންކާގައި މިއަދު ފާހަގަކުރާ 69 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ އިހްތިފާލްތައް ފަށައިފިއެވެ. މިއަދުގެ ތީމަކަށް ކަނޑައަޅާފައިވަނީ "ޤައުމުގެ އެއްބައިވަންކަން" އެވެ. މިއަދު ގޯލް ފޭސްގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައިސް މައިތިރިޕާލަ ސިރިސޭނަ އާއި ބޮޑުވަޒިރު ރަނިލް ވިކްރަމަސިންހައެވެ.

ޤަރުނަކަށްވުރެ ގިނަ ދުވަސްވަންދެން އިނގިރޭސީންގެ އަޅުވެތިކަމުގައި ސްރީލަންކާ އޮތް ދުވަސްވަރު ސްރީލަންކާގެ މުއްސަނދިކަން އިނގިރޭސީން ވަނީ ފޭރިގެންފައެވެ. ޤައުމުގެ ރައްޔިތުން އަޅުވެތިކޮށްފައެވެ. ދަނޑުބިންތަކަށް ވެރިވެގެންފައެވެ. ސްރީލަންކާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްފަހު ދަނޑުބިންތަކުން ލިބޭ ތަކެތި ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ކެއުމަށް އެ ޤައުމަށް ގެންގޮސްފައެވެ.

ސްރީލަންކާއަށް މިނިވަންކަން ލިބުނީ 4 ފެބްރުވަރީ 1948 ގައެވެ. 1972 ވަނަ އަހަރާއި ހަމައަށް ސްރީލަންކާއަށް ކިޔަމުން އައީ ސިލޯނެވެ. ސިލޯނުގެ ނަން ސްރީލަންކާއަށް ބަދަލުކުރީ 1972 ވަނަ އަހަރު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުންނެވެ.

ސްރީލަންކާއަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްދީ އެހީތެރިވެދިން ޤައުމެވެ. ރާއްޖެއަށް މިނިވަން ހޯދުމަށް އިނގިރޭސިވިލާތާއިއެކު ކުރި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާގައެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީވެސް ސްރީލަންކާގައެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށެންދެންނާއި ރާއްޖޭގައި މަސްބަންދުކުރާ ކާރުޚާނާތައް އުފައްދައި އަދި ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރަން ފެށެންދެން ރާއްޖެއަށް އިޤްޠިޞާދީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ސްރީލަންކާއިންނެވެ. ހިކިކަނޑުމަސް ސްރީލަންކާއަށް ގަންނަމުން ދިއުމުންނެވެ. އަދި ކުރީ ޒަމާނުގައި ކުފުރާ އާއި އައްޑޫ ބޮނޑި އާއި ދިޔާހަކުރުވެސް ސްރީލަންކާއިން ވަނީ ގަނެފައެވެ.
މިއަދު އޮންލައިން