ކުވައިތަށް 5 ޤައުމެއްގެ މުސްލިމުން ނާރުވަން ނިންމިކަމުގެ ޚަބަރަކީ ޓްރަމްޕަށް ތާއީދުކުރާ މީޑިއާތަކުން ފެތުރި ދޮގު ޚަބަރެއް ކަމަށް ކުވައިތުން ބުނެފިއެވެ.
ކުވައިތުގެ ޚާރިޖީ ވުޒާރާއިން ބުނީ ކުވައިތަށް ނުއަރުވަން ނިންމި ކަމަށް އެޚަބަރުގައި ބުނެފައިވާ ޤައުމުތަކަކީ ކުވައިތާއި ވަރަށް ބޮޑަށް ގުޅިފައިވާ ޤައުމުތަކެއް ކަމަށާއި އެ ޤައުމުތަކުގެ ރައްޔިތުން ކުވައިތަށް ނުއަރުވަން ނިންމާފައި ނުވާކަމަށެވެ.
އެ ޚަބަރު ފެތުރިގޮތުންނާއި ފެތުރި ބާރުމިނުން ދުނިޔޭގެ ގިނަބައަކަށް ހަޤީޤަތް އޮޅުނީ ކަމަށާއި އެއީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ފެތުރި ޚަބަރެއް ނޫން ކަމަށްވެސް ކުވައިތުން ވަނީ ބުނެފައެވެ.
އެ ޚަބަރުގައި ބުނެފައިވަނީ އީރާން، އިރާޤް، ލީބިޔާ، ސޫދާން އަދި ސޯމާލިއާގެ ރައްޔިތުން ކުވައިތަށް އެރުން ހުއްޓުވައިފި ކަމަށެވެ. މިޚަބަރު ފެތުުރުވުމަށްފަހު ޓްރަމްޕް ވަނީ ފޭސްބުކާއި އެހެންވެސް ސޯޝަލް މީޑިއާތަކުގައި އޭނާގެ ނިންމުމަށް ތާއީދުކޮށް މެދުއިރުމަތީގެ ޤައުމުތަކުންވެސް އަމަލުކުރަން ފަށައިފިކަމަށް ބުނެ ޚަބަރުތައް ފަތުރައިފައެވެ.
މިއަދުނޫހަށްވެސް ވަނީ އެޚަބަރު ކަވަރުކުރެވިފައެވެ. އިންޓަރނޭޝަނަލް 7 މީޑިއާއެއްގައި ދާދި އެއްވަގުތެއްގައި އެ ޚަބަރު ހާމަކުރުމުން އެއީ ތެދު ޚަބަރެއްކަމަށް ބަލައިގެންނެވެ. މިއަދުނޫހުން ޚަބަރު ގެނެސްދީފައިވާނީ އެއިރުވެސް އުފެދުނު ދެ ކަމެއް ފާހަގަކޮށެވެ. އެއީ މުއްދަތެއް ނެތުމާއި ކުވައިތުގެ ރަސްމީބަހެއް ނެތްކަމެވެ.