ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލް ސަރުކާރުން ގެތައް އެޅުން ހުއްޓުވައިދިނުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ 2 ޖަމާއަތަކުން އިޒްރޭލުގެ ސްޕްރީމް ކޯޓަށް ގޮވާލައިފިއެވެ.
އަދާލާ އަދި ޖެރޫސަލަމް ލީގަލް އެއިޑް ހިޔުމަން ރައިޓްސް ސެންޓަރުން މިއަދު އިޒްރޭލުގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިއަ ހަފްތާގައި އިޒްރޭލުން ފާސްކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގެތައް އެޅުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށެވެ.
ދެ ޖަމާއަތުންވެސް ބުނެފައިވަނީ އެ ބިންތަކުގައި މިހަރުވެސް ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ގެދޮރު އެބަހުރިކަމަށާއި ބައެއްގެ އަމިއްލަ ބިންތަކެއް އަތުލައިގަތުމުން ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ.
އިޒްރޭލުގެ މި ނިންމުމާއި ގުޅިގެން އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމަކުން ގެންދަނީ ފައުޅުގައި ދެކޮޅު ހަދަމުންނެވެ. މަޖުބޫރުވެގެން ނަމަވެސް އެމެރިކާއިން ވެސް މިހާރު ވަނީ އެއީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް އިޒްރޭލުން ބުނަމުން ގެންދަނީ އެބިންތަކުގައި ގެދޮރު އެލުން ނުހުއްޓުވޭނެ ކަމަށެވެ.