އެެމެރިކާގެ މިސިސިޕީ ގެ ފިރިހެނެއްގެ ބަނޑުން 63 ކިލޯ ބަރުދަންހުރިޓިޔުމަރެއް ނަގައިފިއެވެ. އުމުރުން 57 އަހަރުގެ ރޮގަރ ލޯގަންގެ ބަނޑުން މިދިއަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު މި ޓިޔުމަރ ނެގީ ކެލިފޯނިއާގެ ޑޮކްޓަރެކެވެ.
އޭނާއަށް އުނދަގޫވާތީ ވަރަށް ގިނަ ޑޮކްޓަރުންނަށް ވަނީ ދައްކާފައެވެ. އެހެން ހުރިހައި ޑޮކްޓަރުންވެސް ބުނަމުން އައީ މައްސަލަތައް ކުރިމަތިވަނީ އެނާ ފަލަކަމުން ކަމަށެވެ.
ގިނަ ޑޮކްޓަރުން ބުނީ އެއީ ޖަހާފައިވާ ސަރުބީ ކަމަށާއި ހައްލަކީ ބަނޑު ނުއެލޭގޮތަށް ކަރާއިއެކު ފޮތިގަނޑުއަޅައިގެން އުޅުން ކަމަށެވެ.
އޭނާ އެހާލުގައި އުޅެމުން ގޮސް ގޮތް ހުސްވުމުން ވަގުތު ހޭދަކުރަމުން އައީ ކޮޅަށް އިނދެގެން ނިދޭފަދަ ގޮނޑިއެއްގައެވެ. އޮށޯވެގެން ނުއޮވޭތީއެވެ. އޮޕަރޭޝަން ކުރެވޭނެ މަގު ފެނުމުން 3000 ކިލޯ މީޓަރު ދުއްވާފައި ރޭލުގައި އޭނާ ކެލިފޯނިއާއަށް ގެންދިއައީ އެ ގޮނޑީގައި ބައިންދައިގެން ރޭލުގެ ކާގޯ އުފުލާބައިގައި ގޮނޑި ބަހައްޓައިގެންނެވެ.
އޮޕަރޭޝަން ކުރި ޑޮކްޓަރު ބުނީ ޤަބޫލުކުރެވޭ ގޮތުން މި ޓިޔުމަރު އުފެދެން ފެށީ ބަނޑުގެ އިސްތަށްޓެއްގެ ބުޑު އިންފެކްޓްވުމުންނެވެ. އެކަމުގެ ސަބަބުން ބަނޑުގެ އެތެރެއަށް އަސަރުކޮށް އުފެދެން ފެށި ޓިޔުމަރު މުޅި ބަނޑުކޮޅަށް ފެތުރުނީއެވެ. އަދި އެ ޓިޔުމަރު އުފެދެން ފެށިތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެކަމަށްވެސް ޑޮކްޓަރު ލަފާކުރެއެވެ.
ޑޮކްޓަރުން އޮޕަރޭޝަންގެ ކާމިޔާބީގެ ޔަޤީންކަމެއް ނުދެއެވެ. ދިނީ 50/50 އެވެ. ނަމަވެސް އޮޕަރޭޝަންކޮށްދިނީ އޭނާގެ އަންހެނުން އެކަމަށް އެދި ތަކުރާރުކޮށް އާދޭސްކުރުމުންނެވެ. އަދި އަންހެނުންގެ އަދޭހަށް އެނާވެސް އިޖާބަދިނުމުންނެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
އެމެރިކާއަކީ ބޭސްވެރިކަމަށް އެންމެ ކުރީގައި އޮތް އެއް ޤައުމެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކަންކަން މެދުވެރިވާގޮތާއިމެދު ސުވާލު އުފެދެއެވެ.