"ޓެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީ އިރުމަތީ ޖެރޫސަލަމަށް ބަދަލުކުރާނެ ގޮތެއް މިގެންދަނީ ދަސްކުރަމުން." ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕާއި ހަވާލާދީ ހިބްރޫބަހުން އިޒްރޭލުގައި ނެރޭ ނޫހަކުން މިއަދު ބުނެފިއެވެ.
ޖެރޫސަލަމްގެ ބިންމަތީގައި މިހާރު ހުރި އިމާރާތެއްގައި އެމްބަސީ ހުޅުވާނަމަ އެއީ ކުރަން ދަސްކުރަންޖެހޭނެ ކަމެއް ނޫނެވެ. ހުޅުވުމުން އެކަން ނިމުނީއެވެ. ނަމަވެސް ޓެލްއަވީވްގައި ހުރި އެމްބަސީ އިމާރާތާއިއެކު އުފުލާލައިގެން ގެންގޮސް އިރުމަތީ ޖެރޫސަލަމްގައި ބަހައްޓާނަމަ އެކަންކުރާނެ ގޮތް ދަސްކުރަންޖެހިދާނެއެވެ.
އެމެރިކާގެ ވެރިކަން ލިބުމުން ދުނިޔޭގެ ވެރިކަން ލިބުނީކަމަށް ބަލައި ޓްރަމްޕް ގެންދަނީ މުސްލިމުންގެ "އަނގަ ގޮއްވަން" މަސައްކަތް ކުރަމުންނެވެ.
މިއަދު ވެސް ބުނެފައިވަނީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޞުލްޙައަށް ރަނގަޅުކަމެއް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. ހަމަ އެއާއިއެކު ބުނެފައިވަނީ އިރުމަތީ ޖެރޫސަލަމަށް އެމެރިކާ އެމްބަސީ ބަދަލުކުރުމާއިމެދު "ސީރިއަސްކޮށް" ވިސްނަމުން ގެންދާ ކަމަށެވެ.
މިވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ. އެހެންކަމުން ކޮންމެ ނޫހަކަށް މައުލޫމާތުދޭއިރު މިވާހަކަތައް ޓްރަމްޕް ތަކުރާރުކުރަނީ އޭނާގެ ބާރުހުރިކަމާއި ހިތުހުރި ގޮތެއް މުސްލިމުންނަށް ހަދައިލާނެކަން އެންގުމަށް ކަމަށް ބެލެވެއެވެ.