މަތިންދާ ބޯޓަށް ބަދަލުތަކެއް ގެނެސް، ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާ އިންޑިއާއަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
މަތިންދާ ބޯޓަށް ބަދަލުތަކެއް ގެނެސް، ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާ އިންޑިއާއަށް ގެންގޮސްފި
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާ، އުމުރުން 36 އަހަރުގެ މިޞުރުގެ ރައްޔިތެއް ކަމަށްވާ އީމާން އަހްމަދު، ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ. ގެންދިއައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

500 ކިލޯ ބަރުދަނުގައި ހުރި އީމާން އިންޑިއާގެ މުމްބާއީއަށް ގެންދިއައީ މިޞުރު އެއާވޭޒްގެ ފްލައިޓަކަށް ބަދަލުތަކެއް ގެނެސް ޚާއްޞަ އިންތިޒާމުތަކެއް ހަޖައްސައިގެންނެވެ. މުމްބާއީއަށް ގެންދިއުމުގެ ކުރިން ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ވަނީ އޭނާއަށް ދަތުރުކުރެވިދާނެކަން ޔަޤީންކުރުމަށް 10 ދުވަސްވަންދެން އޭނާގެ ހާލަތު ވަރަށް ގާތުން ބަލައިފައެވެ.

އެއާޕޯޓުން ނެރެގެން އޭނާއަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ސައިފީ ހޮސްޕިތަލަށް ގެންދިއައީ އެކަމަށް ޚާއްޞަކޮށްފައި އޮތް ޓްރަކެއްގައެވެ. އެމްބިޔުލާންސް ދުއްވީ އެ ވެހިކަލްގެ ފަހަތުންނެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އޭނާއަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ކޮޓަރިއެއްގައެވެ.

އީމާންއަށް މިހާލަތު ކުރިމަތިވީ ކުޑައިރު ޖެހުނު "އެލިފެންޓިއަސިސް" ކިޔާބައްޔެއްގެ ސަބަބުން ގުނަވަންތަކާއި މީހާ ދުޅަވުން ފަދަ މައްސަލަތައް ކުރިމަތިވުމުންނެވެ. އޭނާއަށް ސްޓްރޯކެއްޖެހި އެނދުގައި އޮންނަންޖެހުން ވެގެންދިއައީ މިބަލި އިތުރަށް ބޮޑުވި ސަބަބަކަށެވެ.

އެއިގެ ފަހުން އީމާނަށް އައީ ތަފާތު ބަލިތައް ޖެހެމުންނެވެ. އެއިގެ ތެރޭގައި ހަކުރުބަލި، ލޭމައްޗަށް ދިއުން، ފިކުރު ބޮޑުވުން، އަދި ނިދުމުގެ މައްސަލަތައް ހިމެނެއެވެ.

އޭނާއަށް ޚާއްޞަ ފަރުވާ ބޭނުންވެގެން ބޮޑުދައިތަ، ލަކަދްވާލަ އަށް ހުށަހެޅިއިރު ބުނީ "އަހަރެންގެ ދޫންޏަށް" އިތުރު ފަރުވާ ނުލިބި ދުނިޔޭގައި ނުއޮންނާނެ ކަމަށެވެ. އެއީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭނާ އިންޑިއާއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްފަހު ވިސާއަށް އެދުމުން އެކަން އައީ ލަސްވަމުންނެވެ. ނަމަވެސް ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް، ކިޑްނީ ބަދަލުކުރައްވަން ހޮސްޕިޓަލްގައި އޮންނަވަނިކޮށް އެކަމަނާއަށް ޓްވީޓް ކުރުމުން ވަނީ ވަގުތުން އެކަންތައް ހަމަޖައްސަވައިދެއްވާފައެވެ.

ގެއިން އެއްގޮތަކަށްވެސް ބޭރަށް ނުނުކުންނަތާ 25 އަހަރުވެފައިވާ އީމާން މިހާރު އެވަނީ މުމްބާއީއަށް ގެންދެވިފައެވެ. ޤަބޫލުކުރެވޭ ގޮތުން ޑޮކްޓަރުން ފުރަތަމަ ކުރާނެ މަސައްކަތަކީ އޮޕަރޭޝަންކޮށްގެން އޭނާގެ ބަނޑުގައި ހުރި ސަރުބީތައް ނެގުމުގެ މަސައްކަތެވެ. އެއޮޕަރޭޝަނަކީ އިންޑިއާގައި ކާމިޔާބުކަމާއިއެކު ކުރަމުން އަންނަ އޮޕަރޭޝަނެކެވެ.
މިއަދު އޮންލައިން