ސަލާމަތް ޞިއްހަތަށް ބޭނުންވަނީ އުފާވެރިކަން- އުފާވެރިކަން ލިބެނީ ފައިސާއަކުން ނޫން- ގާތް ގުޅުމުން: ހާވާޑް ޔުނިވަރސިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސަލާމަތް ޞިއްހަތަށް ބޭނުންވަނީ އުފާވެރިކަން- އުފާވެރިކަން ލިބެނީ ފައިސާއަކުން ނޫން- ގާތް ގުޅުމުން: ހާވާޑް ޔުނިވަރސިޓީ
ސަލާމަތް ޞިއްހަތެއްގައި ދެމިހުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އުފާވެރިކަން ކަމަށާއި އުފާވެރިކަން ލިބެނީ ފައިސާއިން ނޫންކަމަށާއި އުފާވެރިކަން ލިބެނީ ބަދަހި ގުޅުމުންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާ ޢާންމުކުރީ ދުބާއީގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ގަވަރމަންޓް ސަމިޓްގައި އެމެރިކާގެ ހާވާޑް މެޑިކަލް ޔުނިވަރސިޓީންނެވެ.

އެޔުނިވަރސިޓީން ވަނީ މިދިރާސާ 75 އަހަރަށް ކުރިއަށް ގެންގޮސްފައެވެެ. ދިރާސާ ހުށަހަޅުއްވައިދެއްވަމުން ޕްރޮފެސަރ ރޮބަރޓް ވިދާޅުވީ އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ އެމީހެއްގެ އެންމެ ގާތް މީހުންނާއިއެކު ބަދަހި ގުޅެއް އޮތުމުން ކަމަށެވެ. އެންމެ ގާތް މީހުންނާއި އަދި މުޖުތަމައުއާއިއެކު ގާތް ގުޅުމެއް ނެތްނަމަ އެމީހަކަށް އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ.

މިތަނުގައި ޕްރޮފެސަރ އެންމެ ގާތް މީހުން މާނަކުރައްވާފައިވަނީ އަނބިދަރީންނާއި ޢާއިލާގެ މީހުންނަށެވެ. "އެމެރިކާގެ 20 އިންސައްތަ މީހުން ބުނަނީ އެމީހުންނަކީ އެކަނިވެރިން ކަމަށް. އެކަނިވެރިވާންޖެހެނީ ޢާއިލާ އާއި ގުޅުން ނެތުމުން. އެކަނިވެރިކަމުން ލިބޭ ހިތްހަމަނުޖެހުމާއި ކަންބޮޑުވުންތަކުގެ ސަބަބުން ބަލިތައް ގިނަވޭ. އަވަހަށް މަރުވޭ. މިއީ 75 އަހަރު އަހަރެމެން އެމެރިކާގެ ސްކޫލްތަކާއި ޢާންމުންގެ މެދުގައި ކުރި ދިރާސާގެ ނަތީޖާއަކީ."

"ޢާއިލީ ގުޅުންތައް އޮވެ ލޯބިން ދިރިއުޅޭ މީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު. އެކަމުގެ ސަބަބުން ވިސްނަންޖެހޭ މިންވަރު މަދުވޭ. ލޭމައްޗަށް ގޮސްގެން އުޅެންޖެހުން މަދުވޭ. ފިކުރު ބޮޑުވެގެންވެސް އުޅޭކަށް ނުޖެހޭ."

ޕްރޮފެސަރ ވިދާޅުވީ އާއިލާ އާއިއެކު ލޯބިން އުޅޭނަމަ އެމީހެއްގެ ހަޔާތުގެ ކޮންމެ ވަގުތަކީވެސް "ޕާޓީކުރާ ވަގުތު" ކަމަށެވެ. އެހެންކަމުން އެމީހާ އަބަދުވެސް ހުންނާނީ އުފަލުން ހެވިފައި ކަމަށެވެ.

ރައްޔިތުންގެ އުފާވެރިކަން އިތުރުކުރުމަށް ދުބާއީގައި މިހާރު ވަނީ ޚާއްސަ މިނިސްޓްރީއެއް އުފައްދައިފައެވެ. ދުބާއީ ސަރުކާރުން ބައްވާ އުފާވެރިކަމާއިބެހޭ ސަމިޓު މާދަމާ ފަށާނެއެވެ. މިސަމިޓުގައި 139 ޤައުމެއްގެ 4000 މަންދޫބުން ބައިވެރިވެއެވެ. 150 މަންދޫބުން ތަޤްރީރް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން