ކޮޓަރީގައި އެކުގައި އުޅުނު މީހާ މަރާލިން ކަމަށާއި ނަމަވެސް މަރައިލީ ކިހިނަކުންކަން އަދި ކޮން ސަބަބަކާއިހުރެކަން ވެސް ހަނދާން ނެތް ކަމަށް މީހަކު ކޯޓުގައި ބުނެފިއެވެ.
ޔޫއޭއީގެ ކްރިމިނަލް ކޯޓުގައި ބަޔާންދެމުން ފިލިޕިންސްގެ މީހަކު ބުނީ އޭނާ އާއި އަދި އޭނާ އާއިއެކު ކޮޓަރީގައި އުޅުނީ ވެސް އެ ޤައުމުގައި ވަޒީފާ ކުރާ މީހެއް ކަމަށެވެ. އެއްވެސް ކަމެއް ހަނދާން ނެތީ މާގިނައިން ބަނގުރާ ބޮވުމުން މަސްތުވެފައި ހުރި ވަރުން ކަމަށެވެ.
މަރައިލި ގޮތެއް އަދި ސަބަބެއް ހަނދާންނެތް ކަމަށް ބުނި މީހާ އިރުކޮޅެއް ފަހުން ބުނީ އޭނާއަށް ވަޅިން ހަމަލާދިނީ އޭނާގެ ބޮލުގައި ޖަހައި އޭނާއާއި ޒުވާބުކޮށް ރުޅިއެރުވުމުން ކަމަށެވެ. އަދި ހަމަލާދިނީ މެރުމުގެ ޤަސްތުގައި ނޫން ކަމަށެވެ.
ފަނޑިޔާރު ވަނީ ކުއްލިއަކަށް އެކަންކަން ހަނދާންވި ގޮތަށް ހުރިހައި ކަމެއް ހިނގައިދިއަގޮތް ހަނދާންކޮށް ދެން ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިނުމަށް އަމުރުކޮށްފައެވެ.