ދުނިޔޭގެ ސަރުކަރުތަކުގެ ސަމިޓް، "ވޯލްޑް ގަވަރމަންޓް ސަމިޓް" މިހައިތަނަށް ބޭއްވޭ ދުނިޔޭގެ އެންމެ ބޮޑު ސަމިޓުގެ ގޮތުގައި ދުބާއީގައި މިއަދު ފަށައިފިއެވެ.
މި ސަމިޓުގައި 139 ޤައުމަކުން ބައިވެރިވެފައިވާއިރު ސަމިޓް ފަށްޓަވައިދެއްވަމުން ދުބާއީގެ ރޫލަރ އަދި ޔޫއޭއީގެ ޕްރައިމް މިނިސްޓަރ އަދި ނައިބް ރައީސް ޝައިޚް މުޙައްމަދު ބުން ރާޝިދް އަލްމަޚްތޫމް ވިދާޅުވީ ބަވަނަ ވަމުންދާ ދުނިޔޭގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރުތަކުން އެއްތަނެއްގައި ތިބެ މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދައިގެން ކަމަށެވެ.
ޝައިޚް ވިދާޅުވީ މައްސަލަތައް ހައްލުކޮށް ކުރިއެރުން ހޯދޭނީ އެއްސަރުކާރުން އަނެއް ސަރުކާރާއި ގުޅި އެކުވެރިކަމާއިއެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. ހަސަދަވެރިކަމާއި ދަރަޖަކުރުން ދޫކޮށްލައި ހުރިހައި އެންމެންވެސް އުޅެމުން މިދަނީ ބަވަނަވެފައިވާ ދުނިޔެއެއްގައިކަން ޤަބޫލުކޮށްގެން ކަމަށެވެ. ޓެކްނޮލޮޖީ އާއި ކުރިއެރުން ނުހުއްޓުވޭނެކަމާއި އެކަންކަމުގެ ފަހަތުން ދުވެ ކުރިއަރައިދިއުމަށް މަސައްކަތްކޮށްގެން ކަމަށެވެ.
ދުބާއީގެ ކެބިނެޓް އެފެއަރޒް މިނިސްޓަރު އަދި ސަމިޓުގެ ޗެއަރމަން މުޙައްމަދު އަލްގިރްގަވީ ވިދާޅުވީ މިސަމިޓުގައި އެންމެ ބޮޑެތި ޤައުމުތަކާއި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފާމްތަކާއި ދުނިޔޭގެ އެންމެ ބޮޑެތި ޖަމިއްޔާތަކުން ބައިވެރިވެފައިވުމަކީ މިފަދަ ސަމިޓެއްބޭނުންތެރިކަން ދުނިޔެއަށް ބޮޑުވެފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.
"ދެން ބަލަންވީ އެންމެން ގުޅިގެން އެންމެ ބާރަށް ކުރިއަރައި ދެވެންހުރި ގޮތްތައް. ކުރިއަށް ދާންވީ މަގުތަކާއި ކުރިއަށް ދާން މަސައްކަތްކުރަންވީ ގޮތްތައް އެންމެންނަށްވެސް ރަނގަޅަށް އެނގޭ. އެންމެން އެއްބަސްވެ އެއް އުޞުލުތަކެއް ޤަބޫލުކޮށް ކުރިއަށް ދާން މަސައްކަތްކުރަންފަށަންވީ ވަގުތު މިއީ."
މިސަމިޓުގައި 4000 ބައިވެރިން ބައިވެރިވެއެވެ. 150 ބޭފުޅުން ތަޤްރީރް ކުރައްވާނެއެވެ. މިސަމިޓުގައި މަޝްވަރާކުރެވޭނެ ކަންކަމުގެ ތެރޭގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމާއި ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކޮށް ހައިހޫނުކަން ނައްތައިލުމާއި އިޖުތިމާޢީ މައްސަލަތައް ފަދަ މައްސަލަތައް ހިމެނެއެވެ.