ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމެރިކާއިން އިރާޤަށް އަރައިގަތުން- ޝައިޚް މަޚްތޫމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމެރިކާއިން އިރާޤަށް އަރައިގަތުން- ޝައިޚް މަޚްތޫމް
ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ އެމެރިކާއިން އިރާޤަށް އަރައިގަތުމުން ކުރިމަތިވެފައިވާ މައްސަލަތައް ކަމަށް ޔޫއޭއީގެ ޕްރައިމް މިނިސްޓަރ އަދި ނައިބް ރައީސް ޝައިޚް މުޙައްމަދު ބުން ރާޝިދް އަލްމަޚްތޫމް ވިދާޅުވެއްޖެއެވެ.

ޝައިޚް ވިދާޅުވީ އެމެރިކާއަށް ކުރެވުނު ކުށް އެމެރިކާއިން މިހާރު ޤަބޫލުކުރާ ކަމަށެވެ. އަދި އެމެރިކާ އިން ކުރި ކުށުގެ ސަބަބުން ނުރައްކާތެރި ހުރިހާ ކަމަކަށް މިވަނީ ދޮރުތައް ހުޅުވާލެވިފައި ކަމަށާއި ގަދަބާރުން ދުނިޔޭގެ ކަންކަން ބަދަލުކުރުމުގެ ސިޔާސަތު މިވަނީ ދުނިޔެއަށް ޢާންމުވެފައި ކަމަށެވެ.

ޝައިޚް ވިދާޅުވީ ބޮޑެތި ބާރުގަދަ ޤައުމުތަކުން އެމީހުންގެ ބާރު ދައްކަން މަސައްކަތްކުރުމުގެ ނަތީޖާ މިދަނީ ވަރަށް ހިތިކޮށް ފެންނަމުން ކަމަށެވެ. އަދި ޤައުމުތަކުގެ ކާމިޔާބީގެ ސައިޒު އެނގެނީ ޤައުމުގެ ބޮޑުމިނުން، އާބާދީގެ ބޮޑުމިނުން އަދި ލިބިފައިވާ ބާރާއި ޤްދްރަތީ މުއްސަނދިކަމުން ނޫން ކަމަށެވެ. "ޤައުމުތަކުގެ ސައިޒަކީ އެޤައުމު ހިންގާ ގޮތް. ޤައުމުގެ ރައްޔިތުންނަށް ލިބެމުން އަންނަ ކުރިއެރުން. ޤައުމުގައި ހަމަޖެހުން އޮތް މިންވަރު. އެހެން ޤައުމުތަކާއިއެކު ގުޅުން އޮތް މިންވަރު."

ޝައިޚް ވަނީ ގަލްފް ކޯޕޮރޭޝަނުން ހޯދަމުން ގެންދާ ކުރިއެރުންތައްވެސް ފާހަގަކުރައްވައިފިއެވެ. "ފާއިތުވި 40 އަހަރު ދުވަހު ނުލިބޭ ކުރިއެރުން އެންމެ ފަހުގެ 4 އަހަރުތެރޭގައި ޖީސީސީގެ ޤައުމުތަކުން މިވަނީ ހޯދާފައި. އެއްވެސް ބައަކަށް މިއަދު އެކަނި ކުރިއަރައިގެނެއް ނުދެވޭނެ. އެހެން ޤައުމުތަކާއި ގުޅިގެން ކުރިއަރައި ދެވޭނީ. މިހާރު ބާޒާރުތައް މިވަނީ ހުޅުވިފަ. ދޮރުތައް ބަންދުކުރުމުގެ ބަދަލުގައި ހުލުވާލަންވީ. އެއިރުން ކުރިއަރާނީ."

ޝައިޚް ވަނީ ބޮޑެތި ބާރުތަކުން ދުނިޔެއަށް ކުރިމަތިކުރުވާފައިވާ މައްސަލަތައް ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދަން ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.
މިއަދު އޮންލައިން