10 އަހަރު ތެރޭ 200 އަށްވުރެ ގިނަ ކުޑަކުދިންނާ ޖިންސީގުޅުން ހިންގައި ތަފާތު ގޯނާތައް ކޮށްފައިވާ ޓީޗަރެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.
ރަމީޒް ކިޔާ މިމީހާއަކީ އިންޑިއާގެ ޖައިޕޫރުގެ ސްކޫލެއްގެ ޓީޗަރެކެވެ. މައްސަލަ ފެންމަތިވީ 20 އަަހަރުގެ ފިރިހެން ކުއްޖެއްގެ ބައްޕަ، ރަމީޒް އޭނާގެ ދަރިފުޅަށް ގޯނާކުރަމުން ގެންދާތާ 6 އަހަރުވެއްޖެ ކަމަށްބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމުން އެކަމުން ހިތްވަރު ލިބި ބެލެނިވެރިން މިހާރުވަނީ 200 އަށްވުރެ ގިނަ ކުދިންނަށް ޖިންސީ ތަފަތު ގޯނާތައް ކޮށްފައިވާ ކަމުގެ ޝަކުވާ ހުށަހަޅައިފައެވެ. ބައެއް ކުދިންގެ ފޯނުން ފެނިފައިވާ 50 އަށްވުރެ ގިނަ ވީޑިއޯ އާއި ތަފާތު ފޮޓޯތައްވެސް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
ބެލެނިވެރިން ބުނީ ރަމީޒް ފަޤީރުކުދިން ޝިކާރަކުރަނީ ފައިސާކޮޅެއް ދީގެން ކަމަށެވެ. އަދި އެކުދިން ކޮންޓްރޯލްކޮށް ހިފަހައްޓަނީ އެވާހަކަ ދައްކައިފިނަމަ އިމްތިހާނުތަކުން ފެއިލްކުރާނެ ކަމުގެ ބިރުދައްކައިގެންނެވެ.
ސްކޫލުން ބުނީ ބައެއް ބެލެނިވެރިން ޝަކުވާ ކުރާ ކަމަށާއި ނަމަވެސް ހެކި ނުދެއްކޭ ކަމަށެވެ. ފުލުހުންނަށް ހުށަހަޅަން ބުނުމުން އެކަކުވެސް ހުށަނުއަޅައި ތިބީ ކަމަށެވެ.