ޖަޔަލަލިތަ ޖަލަށްލައި އަދި އަވަހާރަކޮށްލައިގެން ނަމަވެސް ޗީފް މިނިސްޓަރުކަން ހޯދަން އުޅުނު ސަސިކަލައަށް މިއަދު ސްޕްރީމް ކޯޓުން ދިން ހަދިޔާ ނުވަތަ އޭނާގެ މައްޗަށް އިއްވި ޙުކުމުގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު އެއްވެސް އާންމު އިންތިޚާބެއްގައި ވާދައެއް ނުކުރެވޭނެއެވެ.
ވެރިކަން ބޭނުންވެގެން ކިތަންމެ ވަރަކަށް ތަދުބީރުތައް ކުރި ނަމަވެސް އެ ތަދުބީރުތަކަކީ ތަޤްދީރުގެ މައްޗަށް ބާރުފޯރުވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ތަދުބީރުތައް ކުރާއިރު އެހެންމީހުންނަށް އަނިޔާވެރިވުމާއި އެހެން މީހުންގެ ހައްޤުތަކަށް އަރައިގަންނައިރު ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެކެވެ.
ސަސިކަލައަކީ ވެސް ދީނެއް ޤަބޫލުކުރާ އަންހެނެކެވެ. ކޮންމެ ނަމެއް ކިޔާފައި ނަމަވެސް ކަލެއްވާކަން ސަސިކަލަވެސް ޤަބޫލުކުރެއެވެ. އެކަލާނގެއަކީ އެންމެ މަތީ ފަރާތްކަމާއި އެންމެ ބާރު ގަދަ ފަރާތަކީ އެކަލާނގެކަން ސަސިކަލަ ޤަބޫލުކުރެއެވެ.
ޖަޔަލަލިތާއަށް ދިން ގެއްލުންތައް ކަމަށް ސަސިކަލަގެ ސަޕޯޓަރުން ތުހުމަތުކުރާ އެއްވެސް ކަމެއް އޭނާއަށް ދޮގުކުރެވިފައެއް ނުވެއެވެ. ދޮގުނުކުރެވޭތަނުގައި ޖަވާބުދާރީވެސް ވެފައެއް ނުވެއެވެ. އެހެންކަމުން ޖަޔަލަލިތާގެ ސަޕޯޓަރުން މިއަދު އެގެންދަނީ މަގުމަތީގައި ހަފްލާތައް ބާއްވައި އުފާ ފައުޅުކުރަމުންނެވެ.
އޭއައިޑީއެމްކޭއަށް މިހާރު ވަނީ ލީޑަރަކު އައްޔަންކޮށްފައެވެ. ލީޑަރަކަށް އައްޔަނުކޮށްފައިވަނީ ސްޓޭޓް ހައިވޭޒް މިނިސްޓަރ ޕަލަނިސްވާމީ އެވެ. ގަވަރުނަރާއި މަޝްވަރާކޮށްގެން ސަރުކާރެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.