ޔޫއޭއީ އިން 2117 ވަނަ އަހަރު މާސްގަ ސިޓީއެއް ޤާއިމުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޔޫއޭއީ އިން 2117 ވަނަ އަހަރު މާސްގަ ސިޓީއެއް ޤާއިމުކުރާނެ!
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން 2117 ވަނަ އަހަރު މާސްގައި ސިޓީއެއް ޤާއިމުކުރާނެ ކަމަށް އެޤައުމުން ބުނެފިއެވެ.

ޔޫއޭއީ އިން މިކަން އިއުލާނުކޮށްފައިވަނީ އެޤައުމުގައި މިހާރު ކުރިއަށް ގެންދާ ދުނިޔޭގެ ސަރުކާރުތަކުގެ ސަމިޓުގައެވެ.

މާސްގައި ސިޓީއެއް ޤާއިމުކުރުމުގެ މަޝްރުއަކީ އެ ޤައުމުގެ ޤައުމީ މަޝްރޫއެއްގެ ގޮތުގައި ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްޠޫމް ވަނީ އިއުލާނުކުރައްވައިފައެވެ. މި މަޝްރުއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސައިންސްވެރިންގެ ޖަމިއްޔާ ތަކާއި ގުޅިގެންނެވެ.

ޔޫއޭއީ އިން ބުނެފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި ތެރޭގައި އެޤައުމުން މާސްއަށް މީހުން ގެންދަން ފަށާނެ ކަމަށެވެ. އަދި ފުރަތަމަ ކަމެއްގެ ގޮތުން ބަލާނީ ކާބޯތަކެތި ގެންދެވޭނެ ގޮތާއި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ ގޮތްތައް ކަމަށެވެ.

މި މަޝްރޫއުގެ ކަންކަން ފުރަތަމަ ދިރާސާކޮށް ކުރިއަށް ގެންދާނީ ޔޫއޭއީގެ ސައިންސްވެރިންނެވެ. ބައިނަލްއަޤްވާމީ ސައިންސްވެރިންގެ އެހީތެރިކަން ހޯދާނީ ކަންކަން އިތުރަށް ފުރިހަމަކުރުމަށެވެ.

ޝައިޚް މުޙައްމަދު ބިން ރާޝިދު ވިދާޅުވީ މިއީ 100 އަހަރު ކުރިއަށް އަމާޒުކުރައްވައިގެން ފަށްޓަވާ މަޝްރޫއެއް ކަމަށާއި މަޝްރުއުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަޝްރޫއު ކުރިއަށް ގެންދާނެ ޤާބިލް ސައިންސްވެރިން ބިނާކުރެއްވުމަށް ކަމަށެވެ.

ޝައިޚް ވިދާޅުވީ އެހެން ޕްލަނެޓެއްގައި ދިރިއުޅުމަކީ އިންސާނުންގެ ދުވަސްވީ އުންމީދެއް ކަމަށެވެ. އަދި ޔޫއޭއީ އިން މިފަށަނީ އެ މަޝްރުއު ކާމިޔާބުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
މިއަދު އޮންލައިން