މުސްލިމުން އެމެރިކާއަށް ވަނުން މަނާނުކުރުމަށް ގޮވާލައި އެތައް ހާސް ބައަކު ނިވްޔޯކް ސިޓީގެ ޓައިމްސް ސްކްޔަރއަށް އެއްވެއްޖެއެވެ.
ތަފާތު ޤަބީލާތަކަށް ނިޞްބަތްވާ މިމީހުން ބުނަމުން ގެންދިއައީ އެމެރިކާއަކީ އެއްބައަކު ދިރިއުޅޭ އެއް ޤައުމެއް ކަމަށާއި ދީނީ ތަފާތުކުރުންތައް ބާއްވައިގެން ނުވާނެ ކަމަށެވެ. މުސްލިމުން ނޫން މީހުންވެސް ބުނަމުން ގެންދިއައީ އެމީހުންނަކީވެސް މުސްލިމުން ކަމަށެވެ.
އެއްވި މީހުން އެމެރިކާގެ ދިދަ އުފުލަމުން ގެންދިއައިރު އަނެއް އަތުން އުފުލާފައިވަނީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމާ ދެކޮޅު ޝިޢާރުތައް ލިޔެފައިވާ ބޯޑުތަކެވެ.
އެމެރިކާއަކީ ވަކި ދީނެއް ނުވަތަ ވަކި އަޤީދާއެއް ކުރިއަރުވަން މަސައްކަތްކުރާ ޤައުމަކަށް ހެދުމުގެ ބަދަލުގައި މިހާރުވެސް އޮތް ފަދައިން ހުރިހާ ދީންތަކެއްގެ ޤައުމަކަށް ހަދަންޖެހޭކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.