ބުރުގާ ނޭޅުމުން ފަރަންސޭސި ރިޔާސީ ކެންޑިޑޭޓާ ލެބަނަންގެ އިސް މުފްތީ ބައްދަލެއް ނުކުރެއްވިއެވެ.
ފަރަންސޭސިވިލާތުގެ ފާރ ރައިޓް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މެރިން ލޭ ޕެން ލެބަނަނަށް ދިއައީ އިސް މުފްތީ އާއި ބައްދަލުކުރަން އެޕޮއިންޓްމަންޓް ހަމަޖައްސައިގެންނެވެ. ބައްދަލުވުމަށް ދިއައިރު ބުރުގާ ނާޅައި ހުރުމުން މުފްތީގެ ތަރުޖަމާނުން ވަނީ ބުރުގާ އަޅައިގެން ބައްދަލުވުމަށް އެދިފައެވެ. އެހެން ނަމަވެސް ލޭ ޕެން އެކަމަށް ދެކޮޅު ހަދައި ބުނީ ބުރުގާ ނާޅާނެ ކަމަށެވެ. އަދި ބޮލާއި ކަނދުރާ ނިވާ ނުކުރާނެ ކަމަށެވެ.
މުފްތީގެ ތަރުޖަމާނުން ބުނީ މުފްތީ އާއި ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ދިން އިރުވެސް ބައްދަލުވުމަށް ވަންނައިރު ހެދުން އަޅަންޖެހޭނެ ގޮތް ވާނީ އަންގާފައި ކަމަށެވެ.
ލަފާކުރެވޭ ގޮތުން ލޭ ޕެން ބުރުގާ ނުއެޅީ ބުރުގާ އަޅައިފިނަމަ ފަރަންސޭސި ރައްޔިތުންގެ ތާއީދު އޭނާއަށް ގެއްލިދާނެތީއެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު އޮންނާނީ އަންނަ އެޕްރިލް މަހުއެވެ.