ޕާކިސްތާނުގެ ކޯޓަކަށް ދިން ހަމަލާއެއްގަ 5 މީހުން މަރު- ހަމަލާދިން 3 މީހުން މަރާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޕާކިސްތާނުގެ ކޯޓަކަށް ދިން ހަމަލާއެއްގަ 5 މީހުން މަރު- ހަމަލާދިން 3 މީހުން މަރާލައިފި!
ޕާކިސްތާނުގެ ޑިސްޓްރިކްޓް ކޯޓަކަށް ޓެރަރިސްޓުންގެ ބައަކު ދިން ހަމަލާތަކެއްގައި 5 މީހުން މަރާލައިފިއެވެ. މަރުވި މީހުންގެ ތެރޭގައި ޤާނޫނީ ވަކީލަކުވެސް ހިމެނެއެވެ.

މިހަމަލާ ދިނީ 3 މީހެކެވެ. ކޯޓުގެ ދޮރާށިން ވަނުމާއިއެކު ބަޑިޖަހައި އަތުބޮމުން ހަމަލާދޭން ފެށުމުން ފުލުފުން ވަނީ ރައްދުގައި ހަމަލާދީފައެވެ.

އެކަކު މަރާލީ ކޯޓަށް ވަނުމުގެ ކުރިންނެވެ. ދެވަނަ މީހާ މަރައިލީ ކޯޓުތެރެއިންނެވެ. 3 ވަނަ މީހާ މަރުވީ އަމިއްލައަށް ހަށިގަނޑު ގޮއްވާލައިގެންނެވެ.

ހަމަލާ ދިން އިރު ކޯޓުގައި ގިނަބައަކު ތިއްބެވެ. ބައެއް މީހުން ވަނީ ފުރާނަ ސަލާމަތްވުމަށް ކޯޓުގެ ބުރިތަކަށް އަރައި ބޭރަށް ފުންމާލައިފައެވެ. ޖަމާއަތުލް އަހްރާރުން ވަނީ ހަމަލާގެ ޒިންމާ ނަގައިފައެވެ.

ޕާކިސްތާނުގެ ކޯޓުތަކަށް، ޚާއްޞަކޮށް ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން މިފަދަ ހަމަލާތައް ދިނުމަކީ ވަރަށް ޢާންމުކަމެކެވެ.
މިއަދު އޮންލައިން