އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގައި ރާއްޖޭގެ ކްލަބު ވެލެންސިއާ އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ލަނޑުޖަހާ ފުރަތަމަ ލީޑުނެގީ މޯހަން ބަގާން އިންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑެރީލް ޑަފީ އެވެ.
މިއަދުގެ މެޗުގައި ވެލެންސިއާއަށް ލަނޑުޖަހާނެ ފުރުޞަތުތައް ލިބުނު ނަމަވެސް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ހާފު އެއްލަނޑުގެ ލީޑަކާއި އެކު ނިންމާލުމުން ދެވަނަ ހާފުގައި ވެލެންސިއާއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މި މެޗުގައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ 71 ވަނަ މިނެޓުގައި އޮމޮދޫ ގޮޑްފްރޭ ވެސްޓެވެ.
މިއަދުގެ މެޗުގައި މޯހަން ބަގާން އިން އުފެއްދި ގިނަ ހަމަލާތަކެއް ވަނީ ވެލެންސިއާގެ ކީޕަރ ފައިސަލް ހުޝިޔާރުކަމާއެކު ދިފާޢު ކޮށްފައެވެ.