ދިވެހި ފިލްމު އަމާނާތުގެ އިތުރު 2 ޝޯވ ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން މުޙައްމަދު ނިޔާޒު (ޓެޑްރީ) ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން އަމާނާތުގެ އިތުރު 2 ޝޯވ އަޅުވަން ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް މިފަހަރު އަޅުވާނީ ޝްވެކް ސިނަމާގައި ކަމަށެވެ.
ފެބްރުއަރީ 28 އަދި މާރޗު 1 ވަނަ ދުވަހުގެ ރޭ 20:30 ގައި ދެއްކުމަށް ތާވަލުކޮށްފައިވާ މި 2 ޝޯވގެ ޓިކެޓު ލިބޭނީ ޝްވެކް ސިނަމާ އިން ކަމަށާއި މި ފަހަރު ނަންނޯޓުކުރުން ނޯންނާނެ ކަމަށްވެސް ޓެޑްރީ ވިދާޅުވިއެވެ.
" އަސްލު އޮލިމްޕަހުގަ ފިލްމު އަޅުވައިގެންވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. އެންމެ ފަހު ޝޯވގެ ޓިކެޓު އެދުވަހުގެ މެންދުރުފަހު ވިކި ހުސްވީ. އަދި ވަރަށް ގިނަ ބަޔަކު އެދެމުން އައީ އިތުރަށް ޝޯވ ދެއްކުމަށް. ދެން ޝްވެކް ސިނަމާ އިންވެސް އެސިނަމާގައި އެޅުވުމަށް އެދުނީމަ އެގޮތަށް ނިންމީ. މިފަހަރު ޓިކެޓު ވިއްކުމުގެ ހުރިހާ ކަމެއްވެސް ކުރާނީ އެމީހުން (ޝްވެކް) " ޓެޑްރީ ވިދާޅުވިއެވެ.
އެޓަރނަލް ޕިކްޗަރސްގެ އަމާނާތް އޮލިމްޕަސް ސިނަމާގައި އަޅުވާފައިވަނީ 19 އަހަރަށް ފަހުއެވެ.
2007 ވަނަ އަހަރު ބޭއްވި ފިލްމް ފެއާރ އެވޯޑުގައި 12 އެވޯޑެއް އަމާނާތަށް ލިބިފައިވާ އިރު، މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޢަލީ ޚާލިދު، ޖަމްޝީދާ އަހުމަދު އަދި ފާތިމަތު ރަމީޒާއެވެ.