ޝައިޚް ކަމާލް ކްލަބް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.
އެޓީމު މިއަދު ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ކޮރެއާގެ ޕޮޗެއޯން އާ ބައްދަލުކޮށް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމް) ކުރިން ބުނެފައިވާ ގޮތަށް މިއަދުގެ މެޗުގެ ފުރަތަމަ 11އަށް ވަނީ 4 ބަދަލެއް ގެނެސްފައެވެ. އެގޮތުން ނާފިއު އަލީ، ހަސަން މުރުތަޟާ، އިބްރާހީމް ވަހީދު އަދި މުހައްމަދުއިންޝާދުގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޔާމްބެ ، ބޮންޑާ، އައިހަމް ،އައްޒާމްއެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ޓީސީ އިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ގޯލު ޖަހައިދިނީ ކޮމީލިއަސް އެވެ. ޕޮޗެއޯން އިން ގޯލު ޖަހާފައިވަނީ ފަހުހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މިއަދުގެ މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބި، ބޭކާރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީސީގެ އަލްމަގްރަބީ އެވެ.
ބައިނަލްއަޤުވާމީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ޓީސީ މި ހޯދި ކާމިޔާބީއަށް މިއަދު ނޫހުގެ ފަރާތުން މަރުޙަބާ ކިޔަމެވެ.