މިިއަހަރު އަންހެނުންގެ ފުޓްބޯޅަ ތަރައްޤީ ކުރުމާއި ޤައުމީ ޓީމަށް 1.7 މިލިއަން ރުފިޔާ..

ކިޔުމަށް ހޭދަވާނީ 1މ 28ސ
މިިއަހަރު އަންހެނުންގެ ފުޓްބޯޅަ ތަރައްޤީ ކުރުމާއި ޤައުމީ ޓީމަށް 1.7 މިލިއަން ރުފިޔާ..
މިއަހަރު އަންހެނުންގެ ފުޓްބޯޅަ ތަރައްޤީ ކުރުމާއި ޤައުމީ ޓީމަށް 1.7 މިލިއަން ރުފިޔާ އެފްއޭއެމްގެ ބަޖެޓުގައި ހިމަނައިފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަހަރީ ޢާންމު ޖަލްސާގައި މިއަހަރަށް ކަނޑައެޅި ބަޖެޓް ފާސްކުރި އިރު، އަންހެން ޤައުމީ ޓީމުގެ ކޯޗިންގ ސްޓާފުންގެ މުސާރަ އާއި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށާއި ވިމެންސް ޓީމް ލީގާއި ވިމެންސް ޗެމްޕިއަންޝިޕާއި އަތޮޅުތަކަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތާއި އިންޓަރ ސްކޫލް ޗެމްޕިއަންޝިޕް ވަނީ ހިމަނާފައެވެ.

އަދި ރާއްޖޭގެ އަތޮޅުތަކާއި މާލޭގެ ފުޓްބޯޅަ ދަނޑުތަކާއި ވަސީލަތްތައް ތަރައްޤީކުރުމަށް 23.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެ އިދާރާގެ އިދާރީ ކަންތައްތަކަށާއި ރެފްރީންނަށް ޚަރުދުކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ ޢަދަދުތައް ވަނީ ބަޖެޓުގައި ހިމަނާފައެވެ. ބަޖެޓުން އެ އިދާރާގެ ތިން މިލިއަން ރުފިޔާގެ ދަރަންޏެއް އަދާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

މުބާރާތްތަކަށް 8.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ބޮޑު ދިވެހި ޕްރިމިއަރ ލީގާއި މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގަށް ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ޕްރިމިއަރ ލީގަށް 1.2 މިލިއަން ރުފިޔާ، މިނިވަން ޗެމްޕިއަންޝިޕަށް 3.7 މިލިއަން ރުފިޔާ އަދި މާލޭ ލީގަށް 3.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޤައުމީ ޓީމު ވާދަކުރާ މުބާރާތްތަކާއި ޤައުމީ ޓީމުގެ ކޯޗުންގެ މުސާރައަށް ދާނެކަމަށް 6.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އޭގެ ތެރެއިން ޤައުމީ ޓީމުގެ ކޯޗުންގެ މުސާރައިގެ ގޮތުގައި 1.2 މިލިއަން ރުފިޔާ، އޭޝިއަން ކަޕް ކޮލިފިކޭޝަނަށް 3.8 މިލިއަން ރުފިޔާ އަދި ސާފް ޗެމްޕިއަންޝިޕަށް 8.7 ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަދު އޮންލައިން