ބޭންކުންނާއި ސިމްކާޑް ވިއްކާ ކުންފުންޏެއްގެ އެހީތެރިކަމާއިއެކު މީހެއްގެ އެކައުންޓުން 6.5 މިލިއަން ދިރްހަމް ވަގަށް ނަގައިފިއެވެ.
ދުބާއީގައި ހިންގި މިޖަރީމާގައި ބޭންކުގެ ކާތިބަކު ވަނީ މީހެއްގެ އެކައުންޓުގެ މައުލޫމާތު ވިއްކާލައިފައެވެ. މައުލޫމާތު ގަތް މީހާ ވަނީ ސިމްކާޑް ވިއްކާ ކުންފުންޏެއްގެ މުވައްޒިފަކަށް ރިޝްވަތު ދީގެން އެކައުންޓުގެ ވެރިމީހާގެ ނަމުގައި ސިމްކާޑެއް ނަގައިފައެވެ. ސިމް ކާޑު ނެގުމަށްފަހު އެސިމްކާޑު މެދުވެރިކޮށް ބޭންކަށް ގުޅައި އޮންލައިން ބޭންކިންގ ގެ ޚިދުމަތް އެ އެކައުންޓަށް ހޯދީއެވެ. އަދި އެއަށްފަހު އެކައުންޓުގައި ހުރި ފައިސާތައް (5.6 މިލިއަން ދިރްހަމް އެމިހާގެ އެކައުންޓަށް ކަހައިލީއެވެ.
އެކައުންޓުގެ ވެރިމީހާ (އަފްޣާނިސްތާން މީހެއް) ބުނީ އޭނާ ޔޫއޭއީ އިން ފުރިއިރު އެކައުންޓުގައި 6.5 މިލިއަން ދިރުހަމް ހުންނާނެ ކަމަށެވެ. ނަމަވެސް ޤައުމަށް ގޮސް ފައިސާ ނަގަން ބެލިއިރު އެއްވެސް ފައިސާއެއް އެކައުންޓުގައި ނެތް ކަމަށެވެ.
"އަހަރެން ބޭންކަށް ގުޅަން އުޅެ ގުޅޭ ގޮތެއް ނުވި. ދެން އެނބުރި ދުބާއީއަށް އައިސް ބެލިއިރު ބޭންކުން މިވަނީ ފޯން ނަމްބަރުވެސް ބަދަލުކޮށްފަ. އެކައުންޓުގައި ބާކީ ހުރީ އެންމެ 11،000 ދިރުހަމް."
ދުބާއީ ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.
މިއީ ދުބާއީ ގައި ހިނގައިގެން އުޅޭ ކަމެއް ނަމަވެސް މިފަދަ ތަފާތު މައްސަލަތައް ދަނީ ހުރިހާ ޤައުމުތަކެއްގައިވެސް ހިނގަމުންނެވެ.
ދިވެހިރާއްޖެއަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްވެފައިވާ ޤައުމެއް ނޫނެވެ. އެހެންކަމުން ހޭލުންތެރިވާންޖެހޭ މިންވަރަށް ހޭލުންތެރި ނުވެވިއްޖެނަމަ މަދު ސިކުންތުކޮޅެއްގެތެރޭގައި މުޅި އެކައުންޓު ދޮވެލެވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.