އިންޑިއާގައި ވާހަކަ ދައްކައި އުޅޭ ބަސްތަކުން އެމެރިކާގައި ވާހަކަ ނުދެއްކުމަށް ގޮވާލައި އެމެރިކާގައި ދިރިއުޅޭ މީހުން ޚާއްޞަ ކެންޕޭނެއް ފަށައިފިއެވެ.
މިފަދަ ކެންޕޭނެއް ފެށީ ފަހަކަށް އައިސް އެއީ އިންޑިއާ މީހުންކަން އެނގުމުން ބަޑިޖަހައި މަރަމުން ގެންދާތީއެވެ. ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި 2 މަހެއްހައި ދުވަހުގެތެރޭގައި އެފަދަ ކަންކަމުގައި އިންޑިއާގެ 5 މީހުން ވަނީ މަރައިފައެވެ. އެއިގެ ތެރޭގައި ޓީޗަރުންނާއި އިންޖިނޭރުންވެސް ހިމެނެއެވެ.
މިގޮތުން ކުރާ ކެންޕޭނުތަކުގައި ބައެއް ކަންކަން އެއްގޮތަކަށްވެސް ނުކުރުމަށް ގެންދަނީ ހޭލުންތެރިކުރުވަމުންނެވެ. އެގޮތުން އެމެރިކާ މީހަކު އައިސް ރުޅިއަރުވަން އެއްޗެތި ކިޔައި ފުރައްސާރަކޮށް ހެދި ނަމަވެސް އެކަމާއި އެއްގޮތަކަށްވެސް އަޅައިނުލުން ފަދަ ކަންކަން ހިމެނެއެވެ.
އެމެރިކާގައި އިންޖިނޭރުންނާއި އެނޫންވެސް ތަފާތު ވަޒީފާތަކުގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން މަސައްކަތްކުރެއެވެ. އަދި އެމެރިކާ ރައްޔިތުންގެ ދަރަޖަ ހޯދައިގެންވެސް ގިނަބައަކު ދިރިއުޅެއެވެ.
ޓްރަމްޕުގެ ވެރިކަމުގައި ނިކަމެތިކުރަމުން ގެންދަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އެންމެ ބޮޑަށް ނިކަމެތި ކުރަނީ މުސްލިމުން ނަމަވެސް ތަފާތު ގިނަ ބައަކަށް ގެންދަނީ މައްސަލަތައް ކުރިމަތިކުރުވަމުންނެވެ.