ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް.. ކުޅޭނީ މޮޅުވާން: ނިޒާމްބެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް.. ކުޅޭނީ މޮޅުވާން: ނިޒާމްބެ
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކްލަބް ކަޕްގެ ސެމީފައިނަލް މެޗަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ނުކުންނަ އިރު، ޓީމުގައި އެއްވެސް އަނިޔާއެއް ނެތް ކަމަށާއި މެޗަށް ނުކުންނާނީ މޮޅުވާން ކަމަށް ކޯޗު މުޙައްމަދު ނިޒާމު (ނިޒާމްބެ) ބުނެފިއެވެ.

ނޭޕާލްގެ މަނަންގ މަރްސިޔަންގްޑީ ކްލަބާ ދެކޮޅަށް ނިކުންނައިރު، ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗުން މޮޅުވެ ފައިނަލަށް ދިއުމުގެ އުއްމީދާއި ރޫހުގައި ކަމަށާއި މުބާރާތުގެ ސެމީ އާހަމައަށް އައީވެސް ހުރިހާ ކުޅުންތެރިންގެ ބުރަ މަސްއްކަތުން ކަމަށް ނިޒާމްބެ ބުންޏެވެ.

" މި މުބާރާތުގެ ސެމީއަށް އައީވެސް ހުރިހާ ކުޅުންތެރިންގެ ހިތްވަރާ މަސައްކަތުން. އެހެންވެ މިއަދުގެ މެޗަށްވެސް ނުކުންނާނީ މެޗުން މޮޅުވެގެން ފައިނަލަށް ގޮސް ތަށި ހޯދަން" އެންމެމޮޅު ފުޓްބޯޅަ ކޯޗުގެ މަޤާމު ހޯދާފައިވާ ނިޒާމްބެ ބުންޏެވެ.

ބައިނަލްއަޤުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޓީސީ މިމުބާރާތުގެ ސެމީއިން ޖާގަ ހޯދީ ގްރޫޕު އޭގައި އެޓީމު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، އެއްމެޗު އެއްވަރުކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓާއެކުގައެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕޮޗެއޯން ޖާގަހޯދީ 5 ޕޮއިންޓާއެކުގައެވެ.
މިމެޗު ކުޅޭނީ މިއަދު ހަވީރު 17:30ގައެވެ.
ނޭޕާލްގެ މަނަންގ ސެމީއިން ޖާގަ ހޯދީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓް ހޯދައިގެންވެ. މިގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދާފައިވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އެވެ.

މިމުބާރާތުގެ ދެ ވަނަ ސެމީގައި ސައުތު ކޮރިޔާގެ ޕޮޗެއޯންއާ ދެކޮޅަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭމެޗް އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.

ޗެމްޕިއަން ޓީމަށް 30 ހާސް އެމެރިކާ ޑޮލަރު އަދި ރަނަރއަޕް ޓީމަށް 15 ހާސް ޑޮލަރުދޭ މި މުބާރާތުގެ ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރާއި ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން