އެއްވެސް މެޗަކުން ބަލިނުވެ، ޓީސީ ފައިނަލަށް

ކިޔުމަށް ހޭދަވާނީ 38ސ
އެއްވެސް މެޗަކުން ބަލިނުވެ، ޓީސީ ފައިނަލަށް
ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކުލަބު ކަޕުގެ ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ، ރާއްޖޭގެ ޓީސީ ސްޕޯރޓްސް ކުލަބު ދަތުރުކޮށްފިއެވެ.

އެޓީމު ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ސެމީފައިނަލް މެޗުގައި ނޭޕާލުގެ މަނަންގ އާވާދަކޮށް 1-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ޢަލީ ނާފިޢު އެވެ.

މިއަދުގެ މެޗުގައި ޓީސީއަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ޓީސީގެ އިބްރާހިމް މަހުދީއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ފައިނަލުގައި ޓީސީ އާވާދަކުރަންޖެހޭ ޓީމެއް އިނގޭނީ ސެމީގެ ދެވަނަ މެޗު ނިމުމުންނެވެ. އެ މެޗުގައި ބައްދަލު ކުރާނީ ކޮރެއާގެ ޕޮޗެއޯން އެފްސީ އާއި ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އެވެ.
މިއަދު އޮންލައިން