މުސްލިމް ޤައުމުތަކުގައި ތައުލީމް އުނގަންނައިދޭ މުއައްސަސާތަކުން އިސްކަން ދޭންވީ މުސްލިމް ދުނިޔެއަށް ފައިދާކުރާނެ ތައުލީމް ދިނުމަށް ކަމަށް ސައުދިއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަަޒީޒް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ މެލޭސިޔާގެ ޔުނިވަރސިޓީ (ޔޫއެމް) އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓޮރޭޓޓް ކަމުގެ ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޔުނިވަރސިޓީން މި ޝަރަފް އެމަނިކުފާނަށް އެރުވީ އިސްލާމީ ޤައުމުތަކުގެ އެކުވެރިކަމަށާއި އިސްލާމީ އުންމަތުގެ ޞުލްޙައަށް ސަލްމާން ރަސްގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ އިސްލާމީ ޤައުމުތަކަށް އިޤްޠިޞާދީ މައްސަލަތައް ކުރިމަތިވެފައިވާއިރު ޓެކްނިކަލް ދާއިރާތަކުން މަސައްކަތްކުރާނެ މީހުން ބިނާކުރެވިފައި ނެތުމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށެވެ.
ޔޫއެމް ޔުނިވަރސިޓީ އަކީ ރިސަރޗް މަސައްކަތްކުރާ 20،000 ދަރިވަރުން ކިޔަވަމުން ގެންދާ އަދި 2000 އެދުރުން ކިޔަވައިދޭ ޔުނިވަރސިޓީއެކެވެ.