އަނެއްކާވެސް ފިލްމީ ދާއިރާއަށް މުޅިން އާ މޫނެއް، ވިޝާލް

ކިޔުމަށް ހޭދަވާނީ 1މ 26ސ
އަނެއްކާވެސް ފިލްމީ ދާއިރާއަށް މުޅިން އާ މޫނެއް، ވިޝާލް
ދިވެހި ފިލްމީ ދާއިރާއަށް މުޅިން އާ މޫނުތަކެއް މިހާރު މިދަނީ އިތުރުވަމުންނެވެ. ފިލްމުތަކުންނާއި ވީޑިއޯ ލަވަތަކުން، އަދި ބައެއް އިސްތިހާރު ތަކުންވެސް ފިލްމީ ދާއިރާއަށް އިތުރުވަމުން އަންނަ ކުދިން ދަނީ އިތުރުވަމުންނެވެ.

އެގޮތުން ވަރަށް ފަހުން ފިލްމީ ދާއިރާއަށް ތަޢާރަފްވެފައިވާ އައު މޫނަކީ، ހިތްގައިމު ރީތި ލަވައެއް ކަމަށްވާ "އަބަދު މަގޭ ހިތް ބޭނުމޭ" މިލަވައިން ފެނިގެންދާ މުޙައްމަދު ވިޝާލް އެވެ.

ޙަސަން ރާޝިދު ޕްރޮޑިއުސްކޮށް ކިޔާފައިވާ "އަބަދު މަގޭ ހިތް ބޭނުމޭ" މިލަވައިގާ ވިޝާލްގެ މޮޅު ހުނަރު ދައްކާލައިވާއިރު، އޭނާ އާއިއެކު ދެން ފެނިގެންދަނީ މިހާރު ގިނަ ބައެއްގެ، ޚާއްސަކޮށް ފިރިހެން ކުދިންގެ ހިތްތަށް އެފަރާތަކަށް ލެނބިފައިވާ މަލީހާ ވަހީދު (މަލް) އެވެ.

އަމިއްލަ ރާގަކަށް އުފައްދާފައިވާ މިލަވަ ޑައިރެކްޓް ކޮށްފައިވަނީ "ހީލީމާ" ލަވަ ޑައިރެކްޓް ކޮށްދިން އަޒްޙާން އެވެ.

"އަބަދު މަގޭ ހިތް ބޭނުމޭ" މިލަވައިގެ ޅެން ހަދާފައިވަނީ އެފަރާތެއްގެ ވަރަށް ގިނަ ލަވަތަކަކުން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދައިވާ ފަލާޙް އެވެ.

މިލަވައިގެ ގިނަ މަންޒަރުތަށް ނަގާފައިވަނީ ހުޅުމާލޭގައެވެ. އަދި މިލަވަ ކެމެރާ ކޮށްދީފައިވަނީ ޙުސެއިން (ކުޑަ ޓެޑް) އެވެ.

މިހިތްގައިމޫ ރީތި ދިވެހި ލަވަ ކުޅެފައިވާ ތަރިންގެ މޭކަޕް ކޮށްދިނީ ރިޒޫ (ލޭކޮކާ) އެވެ. އަދި ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވަނީ މަޝްހޫރު ޑިޒައިނަރ ރަޒީނަ ތައުފީޤް އެވެ.

"އަބަދު މަގޭ ހިތް ބޭނުމޭ" ގެ ޕްރޮޑިއުސަރ އަދި ލަވަކިޔުންތެރިޔާ ޙަސަން ރަޝީދ ބުނެފައިވަނީ މިފަދަ ކިތަންމެ ލަވައެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެ ކަމަށާއި ކުރިއަށް އޮތްތާވެސް ބޭނުންވަނީ އާ ކުދިންނަށް ފުރުސަތުދީ އާކުދިން ފިލްމީ ދާއިރާއަށް ތަޢާރަފް ކުރަން ކަމަށެވެ.

މިއަދު އޮންލައިން