އިންޑިއާގެ ދެމަފިރިއަކަށް ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެ އަންހެން ކުދިން ލިބިއްޖެއެވެ.
ހަށިގަނޑުގެ އެހެން ގުނަވަންތަށް ރަނގަޅަށް އުފެދިފައިވީ ނަމަވެސް. ދެކުދިންގެ ބޯ ގުޅިފައިވާތީ، ޑޮކްޓަރުން ބުނެފައިވަނީ އެދެކުދިންގެ އިނީ އެންމެ ސިކުނޑިއެއް ހެން ހީވާ ކަމަށާއި ސިކުނޑި ވެސް އިނީ ގުޅިފައިހެން ހީވާ ކަމަށެވެ.
އުމުރުން 35 އަހަރުގެ ސަރީފާ ޚާތުންއާއި އޭނާގެ ފިރިމީހާ ޔާކޫރް އަލީ ގާތު ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އާތުރް ރަޙްމާން ބުނީ، ސަރޖަރީ އެއް ކޮށްގެން އެދެކުދިން ވަކި ކުރެވިދާނެހެން ހީވާ ކަމަށާއި، ދެކުދިންގެ ވެސް ސިއްޙަތު ރަނގަޅަށް ހުރުމުން، އެއްވެސް ނުރައްކަލެއް އެކުދިންނަށް ކުރިމަތިވެދާނެހެން އޭނާއަށް ހީނުވާ ކަމަށެވެ.
އޭނާ މިހެން ބުނި ކަމުގައި ވިޔަސް، ސަރޖަރީގެ ޔަގީންކަމާއިމެދު އެއްޗެއް ބުނަން އެނގޭނީ ނިއުރޯސަރޖަން އަކަށް ކަމަށްވެސް ޑރ. އާތުރް ބުންޏެވެ.
"މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް. ވަރަށް ތަފާތު ކޭސްއެއް މިއީ. އެދެކުދިންގެ ސިއްޙަތު ރަނގަޅަށް ހުރުމުން ސަރޖަރީ ކާމިޔާބުވެ ދެކުދިން ވަކި ކުރެވޭނެހެން އަހަންނަށް ހީވޭ. ނަމަވެސް މިކޭސްގެ ޔަޤީންކަމާއި ރިސްކާއި މެދު އެއްޗެއް ބުނަން އިނގޭނީ ނިއުރޯ ސަރޖަން އަކަށް" ޑރ. އާތުރް ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ އިތުރު ފަރުވާއަށް ގުހަވަތީ ގައި ހުންނަ ހޮސްޕިޓަލަކަށް ދިޔުމަށް އިތުޝާދު ދިފައިވާނެ ކަމަށާއި، އެހޮސްޕިޓަލުން އެކުދިން ވަކި ކުރުމާއި ބެހޭ ގޮތުން ކުޑަކުދިންގެ ޑޮކްޓަރަކާއި ނިއުރޯސަރޖަން އެއް ބަލާ ދިރާސާ ތަކެއް ކުރާނެ ކަމަށެވެ.
ކުއްލިއަކަށް ފެންދުލި ފަޅައިގެން ގޮސްގެން ސަރީފާ ޚާތުން ވިހާފައިވީ އޭނާ ދިރިއުޅޭ ގޭގައެވެ.
އޭނާގެ ފިރިމީހާ އަލީ ބުނި ގޮތުގައި، ފުންދުލި ފަޅައިގެން ދިޔުމުން ގޭގައި ވިހަން ޖެހުނީ ހޮސްޕިޓަލަސް އަވަހަށް ގެންދަން އުލަނދެއް ނުލިބުމުންނެވެ.
މީގެ އިތުރުން އޭނާ ބުނީ، މިހާރު އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ، އޭނަގެ ދެ ދަރިން އެކަކު އަނެކަކުގެ ބޮލުން ވަކިކޮށް އެކުދިންނަށް އާދައިގެ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދުވަސް ކަމަށެވެ.