ރާއްޖޭގެ ކުލަބެއް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގައި ކުޅޭތީއެއް ނޫނެވެ. ފައިބެއަހަރުގެ ހުރިހާ ފުޓްބޯޅަ މުބާރާތެއްގެ ރަނަރ-އަޕް ޓީމު އެ މުބާރާތުގެ ފައިނަލުގައި ކުޅޭތީއެއްވެސް ނޫނެވެ. ނޫންނަމަ ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތެއްގައި ޓީސީ ކުޅޭ ފުރަތަމަ މުބާރާތަށްވެ، ފައިނަލަށް ދަތުރުކޮށްފައިވާތީއެއްވެސް ނޫނެވެ.
ދެކުނު ކޮރެއާގެ އެފްސީ ޕޮޗެއޯންއާ ދެކޮޅަށް ޓީސީ ނުކުންނަ އިރު، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ފިޔަވައި ފުޓްބޯޅައިން ރާއްޖެއަށް ރަން ވަނައެއް ހޯދައިދެވޭނީ މިވަގުތު ޓީސީއަށް ކަމަށްވާތީއެވެ.
ޚާއްޞަކޮށް ދިވެހިބިމަށް އުފަން ދިވެހި ދަރިއެއްގެ އުރުޝާދުގެ ދަށުން ޤައުމުން ބޭރުގައި ކުޅެ އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލުން ޖާގަ ހޯދާފައިވާތީ ދިވެހިން މިތިބީ ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކަޕް މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބަހައްޓާލުމަށް ކެތް މަދުވެފައެވެ.
ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެ މުބާރާތަށް ޓީމު ފުރުމުގެ ކުރިންވެސް ބުނިހެން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭތަން ދެކެންބޭނުންވާތީ، އަހަރުމެން ހުރިހާ ދިވެހިންވެސް މިތިބީ ކަރުހިތްކައިގެންފައެވެ.
ރާއްޖެ ގަޑިން މާދަމާ ހަވީރު 17:30 ގައި ބަންގްލަދޭޝްގައި ކުޅޭ މި މެޗަށް ޓީމު ނުކުންނަ އިރު، އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމަކީވެސް އަހަރުމެންގެ އުއްމީދުތައް އާވާ ކަމެކެވެ. ކުރިންވެސް ބުނިހެން އެ މުބާރާތުގައި ޓީސީ މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރުވެސް، މިއީ ނުވާނޭ ކަމެކޭ ނުބުނެވޭނެއެވެ.
ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާ އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަޤާމުވެސް ހޯދާފައިވާ ނިޒާމްބެ ބުނެފައިވަނީ މިމުބާރާތަކީ އޭނާއަށްވެސް ޚާއްޞަ އަދި ކޯޗިންގ ކެރިއަރގައި ކުރިއަށް ދިއުމަށް އެހާމެ މުހިއްމު މުބާރާތެއް ކަމަށެވެ. ނިޒާމްބެއަށް އަހަރުމެން ދިވެހިން ބުނެލަން އޮތީ ހަމައެކަނި މިހެންނެވެ. ނިޒާމްބެ އާއި އެއްވަރަށް އަހަރުމެންނަށްވެސް ތިޔަ މުބާރާތް މުހިންމެވެ. އަހަރުމެން މިކުޑަކުޑަ ރާއްޖޭގައި ތިބެގެންވެސް 12 ވަނަ މީހާގެ މަޤާމު އަދާކޮށްދޭނަމެވެ. ނިޒާމްބެ އާއި ޓީމުވެގެން އަހަރުމެންގެ އުއްމީދުތައް ފުރިހަމަ ކޮށްދޭށެވެ.
ނިޒާމްބެއަށް ވާނެއެވެ. ޓީމުގައި ބުންވަރާއި ފަންވަރު އެބަހުއްޓެވެ. ޓީސީވެސް އޮތީ އެއްރޫޙެއްގައި ނޫން ހެއްޔެވެ. އަހަރުމެންވެސް މިތިބީ އެއްރޫޙެއްގައެވެ.
ނިޒާމްބެ އާއި ޓީމުން ތިކޮޅުގެ ބައި ކުރިއަށް ގެންދާށެވެ. މިކޮޅު އަހަރުމެންނަށް ދޫކޮށްލާށެވެ. އަހަރުމެންގެ އުއްމީދަކީ ނިޒާމްބެވެސް ކުރިން ބުނިހެން ތިޔަ މުބާރާތުގެ ތަށި (އިރާދަކުރެއްވިއްޔާ) މި ފަސްގަނޑުގައި ބެހެއްޓުމެވެ.