މިއަހަރު ފެށުމުގެ ކުރިން، ދިވެހި ފިލްމުތަކަށް ލޯބިކުރަމުން އަންނަ ފަރާތްތަކަށް ލިބުނު އުފާވެރި ޚަބަރަކީ، ވަރަށް ވެސް ޚާއްސަ އަދި ވަރަށް ރަނގަޅު މެސެޖެއް ބެލުންތެރިންނަށް ދޭނެ ފިލްމެއް ކަމަށްވާ "މަލިކާ" މާރޗް މަހުގެ 2 ވަނަ ދުވަހު ފެންނާނެ ކަމުގެ ޚަބަރެވެ.
އިންތިޒާރު ކުރަމުން އައި ވަގުތު މިއަދު ޖެހުނު އިރު، މިފިލްމުވީ ފިލްމުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ޔަޤީންކަން ދިންފަދައިން ވަރަށް ވެސް އަސަރުގަދަ، އަދި އެހާމެ ރީތި ފިލްމަކަށެވެ.
ބިންމާއިބްރާހިމް ވަހީދުގެ އަސަރުގަ ދަސްކްރީން ޕްލޭއަކަށް ލިލީގެ ޗެއާރމަން މައްލާ އަޙްމަދުނާސިރު (މައްލާނާބެ) އަދި އިބްރާހިމްރަޝީދު (މަހުރަބުއިއްބެ) ޕްރޮޑިއުސްކޮށް އަދި މޫމިން ފުއާދު ގެ މޮޅު ޑައިރެކްޝަން އެއް ކަމަށްވާ "މަލިކާ" މިރޭ ޕްރިމިއާރ ކޮށްފައިވާއިރު، މިފިލްމުގައި ހަރަކާތްތެރިވި ތަރިން ދައްކުވައިދިން މޮޅު ހުނަރަށް ތަޢުރީފާއި ސަނާ ކިޔުން ޙައްޤެވެ.
ކާސްޓުން
އިސްމާއިލް ޒާހިރު (ބައްޕަ)
ނުޒުޙަތު ޝުއެއިބު (މަލިކާ)
އަލީ އާޒިމް
ފާތުމަތު އަޒީފާ
ޝަކީލާ
ނީނާ ސަލީމު
އަޙްމަދު ޝާކިރު
ޖުމައްޔިލް ނިމާލް
ދިވެހި ފިލްމު "މަލިކާ" ގެ ޓްރެއިލާރ އާއި ޕޯސްޓަރ މިއަހަރުގެ ކުރީކޮޅު ލޯންޗު ކުރި ދުވަހުން ފެށިގެންވެސް ގިނަ ބަޔަކު އައީ ފިލްމު އޮލިމްޕަހުގައި އެޅުވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ ޓްރެއިލަރ އިންވެސް މިފިލްމަކީ ވަރަށް ފުން އަސަރުތަކެއް ކުރުވާނެ ފިލްމެއްކަން ހާމަވިއެވެ. ނަމަވެސް ކުރުވާނީ ކިހާ ފުން އަސަރެއްކަން ޙަޤީޤަތުގައި އިޙްސާސް ކުރެވުނީ މިރޭ މިފިލްމު ބަލާލުމުންނެވެ.
ޕްލޮޓް (ސްޕޮއިލަރ)
ސްޕޮއިލަރ އޭ ޖެހިޔަސް މިފިލްމު މާބޮޑަށް "ސްޕޮއިލް" ކުރާކަށް އަޅުގަނޑު ނެތީމެވެ. އެއީ ކުރިންވެސް ބުނި ފަދައިން މިފިލްމަކީ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވި ލޮލުން ކަރުނަ ފޫދާލި ފިލްމަކަށް ވާތީ އެވެ. ފިލްމުން ވަރަށް ވެސް ރަނގަޅު މެސެއްޖެއް އާއްމުންނާއި ހަމަޔަށް ފޯރު ކޮށްދޭއިރު، ހަމަ ޔަޤީނުންވެސް އެމެސެޖަކީ މިޒަމާނާއި ގުޅޭ މެސެޖެކެވެ. އަންހެން ދަރިއެއްގެ ލޯބި މިފިލްމުން ވަރަށް ވެސް ފުރިހަމައަށް ދައްކުވާ ދެއެވެ.
ލޯތްބޭ ބުނުމުން، "މަލިކާ" އިން ދައްކުވާ ދިން އިޝްޤީ ލޯބީގެ މަންޒަރުތަށް ވެސް ހަމަ އެހާމެ ފުރިހަމަވެފައި މޮޅެވެ. ކެތް ތެރިކަމުގެ ލާމަސީލު މިސާލެއް މިފިލްމުން ފެނިގެން ދިޔައެވެ.
އޯވަރޯލްކޮށް
އޯވަރޯލްކޮށް އަޅުގަނޑު ބުނާނީ ފިލްމު ވަރަށް ފުރިހަމަ އެވެ.
ފިލްމުގެ މެއިން ދެ ކާސްޓުން ކަމަށްވާ އިސްމާއިލް ޒާހިރު (ބައްޕަ) އަދި ނުޒުހަތު ޝުއެއިބު (މަލިކާ) ގެ އެކްޓިންގް އަށް ބަލާނަމަ ބުނެވޭނީ، އެދެމީހުންނަށް ހަވާލު ކުރެވުނު ރޯލު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރި ކަމަށެވެ.
އޮލިމްޕަހުގައި ފިލްމު ބަލަން ތިބި ބައެއް މީހުންވެސް، "ބައްޕަ" ރޯތަން ފެނުމުން ބައްޕަ އާއި އެކު ރުޔެވެ. އަދި ހަމަ އެއާއިއެކު "މަލިކާ" ގެ ހިތްވަރު ފެނިފައި އެފަދައިން އަހަރުމެންވެސް ވާނަމޭ ހިތަށް އެރިއެވެ.
ފިލްމުގެ އެހެން ތަރިންގެ އެކްޓިންގ އަށް ބަލާނަމަ، 'ކަތުރުފަނީގެ' ރޯލު އަދާކުރި ދެފަހަރިންގެ އެކްޓިންގ ވެސް ވަރަށް މޮޅެވެ. ފިލްމުގައި އެމީހުންދެކެ ރުޅި އަންނާނެ ކެރެކްޓަރ އެއް ދައްކުވާދޭން ހަވާލު ކުރެވިފައިވާތީ، އެކަން އެ ދެތަރިން ވެސް ވަރަށް ފުރިހަމައަށް އަދާކޮށްފައިވެއެވެ.
ފިލްމުގައި ދެން އެންމެ މީހުން ރުޅިއަންނަ ރޯލެއް ކުޅެލަ ދިން ތިން ތަރިންގެ އެކްޓިންގް ވެސް ވަރަށް ފުރިހަމައެވެ. އަމިއްލަ އެދުމުން ފުރިގެންވާ ޒިންމާތަކުން ރެކެން ބޭނުންވާ ބައެއްގެ ރޯލު އެމީހުން ދައްކުވައި ދިނުމުން އެއީ ހަމަ އަސްލު ބާއޭ ވެސް ހިތަށް އެރިއެވެ.
ފިލްމާއި ބެހޭ ގޮތުން އެއްވެސް "ފްލޯ" އެއް ހުރިތޯ ވިސްނާލާއިރު، ފިލްމުގެ ބައެއް ތަރިންގެ ކޮސްޓިއުމް ވަރަށް ބޮޑަށް ލޮލުގައި އަޅައިގަތެވެ. ޚާއްސަކޮށް ބުރުގާ އަޅާފައިހުރި ވަގުތު، އެއަޅާފައި ހުރި ސްޓައިލެވެ. ފާޑު ކިޔަން ބޭނުން ނުވި ކަމުގައި ވިޔަސް، އެމަންޒަރުތަކުން ފިލްމުގެ ރީތުކަމަށް ކުޑަކުޑަ ފަނޑުކަމެއް އައެވެ. ނަމަވެސް ވާހަކައިގެ އަސަރުގަދަ ކަމާއި ތަރިންގެ ހުނަރުން އެބައި ވެސް ފޫބެދެއެވެ.