ދުބާއިގެ ރައްޔިތުން އުފަލުން ހެއްވައިލައްވާނެ ކަމަށާއި އަވަހާރަވި ޕޮލިސް ކޮމިޝަަރ ކުރެއްވެވި ހުރިހާ ކަންކަން ދަމަހައްޓަވާނެ ކަމަށް ދުބާއީގެ އައު ޕޮލިސް ޗީފް، ކޮމިޝަނަރ އޮފް ޕޮލިސް މޭޖަރ ޖެނެރަލް ޢަބްދުﷲ އަލްޚަލީފާ އަލް މެރި ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރަސްމީ ގޮތުން މަސައްކަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޗީފް ވިދާޅުވީ ދުބާއީގައި ކުށްކުރުން ނުހުއްޓުވޭނަމަ، ކުށްކުރާ މީހުން ހޯދައި ޖަލުގައި ބަންދު ނުކުރެވޭނަމަ ފުލުހުން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ޗީފް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ އަޑުއަހަން ޖެހޭނެ ބައެއް ކަމަށާއި ނަމަވެސް އަޑުއަހާއިރު ހުންނަންޖެހޭނީ ޤާނޫނު ބަލަހައްޓައިގެން ކަމަށެވެ. ޤާނޫނުގެ ތެރެއިން ނޫނީ އަޑުއަހައިގެން ނުވާނެ ކަމަށެވެ.
ޗީފް ވިދާޅުވީ ކުށްވެރިން ނުވަތަ ތުހުމަތުކުރެވޭ މީހުން މަގުމަތީގައި އުޅުމަށް ދޫކޮށްގެން ނުވާނެ ކަމަށާއި އެމީހުން ތިބެންޖެހޭ ޖަލުތަކުގައި ކަމަށެވެ. ތުހުމަތުތަކުން ބަރީއަކޮށްދޭނީ ފުލުހުން ނޫން ކަމަށާއި އެއީ ކޯޓުތަކުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ޗީފް ވިދާޅުވިއެވެ.
އުމުރުން 51 އަހަރުގެ ޕޮލިސް ޗީފް އަކީ ކަމުގެ ތަޖުރިބާ ހުރިހާ މަރުހަލާތަކެއްގައި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ޤާނޫނުގައި އޮންނަ ގޮތް ނޫން އެއްވެސް ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ހިތްހެޔޮ، ހަރުކަށި ބޭފުޅެކެވެ.