ޤައުމުތަކަށް ފެތުރިފައިވާ ޓެރަރިޒަމްގެ ސަބަބުން ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
އިންޑޮނޭސިއާގެ ޕާލަމެންޓުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ޓެރަރިޒަމް ފެތުރިފައިވަނީ ހަމައެކަނި މުސްލިމް ޤައުމުތަކަށް ނޫން ކަމަށާއި މުޅި ދުނިޔެއަށް ކަމަށެވެ. ސަރުކާރުތަކަށް މިއަދު އެންމެ ބޮޑުވެފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް އަދި ދިފާއުކުރަން ކުރަންޖެހޭ ހޭދަ ބޮޑުވުމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމުގެ މައްސަލަތައް ކަމަށެވެ.
މިތަޤްރީރުގައިވެސް އެންމެ ބޮޑަށް ސަމާލުކަން ދެއްވީ މީސްތަކުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށެވެ. އެއްބައަކު އަނެއް ބައެއްގެ ޘަޤާފަތަށް އިޙްތިރާމް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ ތަފާތު ޘަޤާފަތްތަކާއިއެކު ދިރިއުޅެން ދަސްކޮށްގެން ނޫނީ ޚިޔާލުތަފާތުވުންތައް ނައްތައިނުލެވޭނެ ކަމަށެވެ. ޚިޔާލުތަފާތުވުންތައް އިތުރުވެ ހައްދުފަހަނައަޅައި ދިއުން ހުއްޓުވޭނީ ތަފާތު ޘަޤާފަތްތަކަށް އިޙްތިރާމްކޮށްގެން ކަމަށެވެ.
އެ ތަޤްރީރުގައިވެސް ސަލްމާން ރަސްގެފާނު ވިދާޅުވީ ދުނިޔެއަށް މިހާރު އޮތް އެންމެ ބޮޑުވަބާއަކީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމް ކަމަށެވެ. މި މައްސަލަތައް އުފެދެނީ ތަފާތު ޘަޤާފަތްތަކަށް އިޙްތިރާމް ނުކުރެވުމުން ކަމަށެވެ.