ރާއްޖޭގެ 4 ރަށަކުން 5 ފަރާތަކުން ބެޑްމިންޓަން ކޯޗިންގ ކޯހެއްގައި ނޭޕާލަށް ފުރައިފިއެވެ.
މާދަމާއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނަ މި ކޯހުގައި ބައިވެރިވުމަށް ފުރާފައިވަނީ ބ. އޭދަފުށިން ހުސައިން މުހައްމަދާއި އައްޑޫ ސިޓީން ފަޒީލު އާއި ޝިފްނާ އާއި ޏ. ފުއްމުލައް ސިޓީން އައިޝާ އާއި ނ. ހޮޅުދޫން މުމްތާޒު އެވެ.
ބެޑްމިންޓަން އޭޝިޔާ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހޯދި މި ފުރުޞަތަކީ އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބެޑްމިންޓަން ހަރަކާތްތައް ހިންގަން ބޮޑެތި ކުރިއެރުން ތަކެއް ހޯދައިދިނުމުގެ މަޤުޞަދުގައި ހޯދައިދިން ފުރުޞަތެކެވެ.
މި ކޯހާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަދި ކުރީގެ ޤައުމީ ބެޑްމިންޓަން ޗެމްޕިއަން މޫސާ ނާޝިދު ވިދާޅުވީ މި ކޯހުގެ އެންމެބޮޑު އެއްއަމާޒަކީ މިހާރު ސްކޫލުތަކުގައި ބެޑްމިންޓަން ކުޅޭ ލެވެލް ފަހަނައަޅާ އެހެން ލެވެލްއަކަށް ކުޅުންތެރިން ގެންދިއުން ކަމަށެވެ. އަދި މި ކޯހުގެ ސަބަބުން އަތޮޅުތެރޭގައި ބެޑްމިންޓަން ކުރި އެރުވުމަށް ކޯހުގެ ބައިވެރިންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.