ހަތާވީސް އަހަރަށް ފަހު ފުލް މެރަތަންގެ ރެކޯޑު އަޙްމަދު ޝަރަފް މުގުރާލައިފިއެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި މުގުރާނުލެވި އެންމެ ގިނަދުވަސްވީ އެއްރެކޯޑް ކަމަށްވާ މެރެތަން ދުވުމުގެ ރެކޯޑް ޝަރަފް މުގުރާލީމޮރޮކޯގައި ބޭއްވިރަބަތު އިންޓަރނޭޝަނަލް މެރެތަންގައި 2 ގަޑި 42:28 މިނެޓުން މިއަދު ރޭސްނިންމައިގެންނެވެ.
ޑރ. ޙުސައިން ޙަލީމް (ކުޑަ ހުސައިން) ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނައަހަރު ބޭއްވި ސާފް ގޭމްސްގައި ފުލް މެރަތަން ( 42 ކިލޯމީޓަރ) ދުވެ، ރެކޯޑް ޤާއިމުކޮށްފައިވަނީ 02:45:03 މިނެޓުން ނިންމައިގެންނެވެ.
މިދިޔަ އަހަރު އޮލިމްޕިކް ކޮމިޓީން ދިން ފުރުޞަތެއްގައިއިތިއޯޕިއާ އާއި މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ޝަރަފް ދުވުމުގެ ތެރެއަށް ވަދެފައިވަނީ މީގެ 5 އަހަރު ކުރިންނެވެ.
ރާއްޖޭގެ ހާފު މެރަތަންގެ ރެކޯޑުވެސް (21 ކިލޯމީޓަރ) 01:19:05 މިނެޓުން ނިންމައިގެން އޮންނަނީ ޝަރަފްގެ އަތުގައެވެ.
ޝަރަފް ބުނީ މިއީ އަދި ފެށުމެއް ކަމަށާއި ގިނަދުވަސްވީ ރެކޯޑް މުގުރާލެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަމާޒަކީ 2020 ވަނަ އަހަރުގެޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިވުން ކަމަށާއި އެކަމަށްޓަކައި ވަރަށްބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި ފުރުސަތުގަ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަށް ހާއްސަކޮށް މަރުޒޫގު (މަރޭ) އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ޝަރަފް ބުންޏެވެ.