ކެރަލާގެ ނާޝިކްގައި ހުންނަ މިލިޓަރީ ކޭމްޕްގެ އިސް އޮފިސަރުންނާއި ދެކޮޅަށް ޓީވީ ޗެނެލެއްގައި ވާހަކަ ދެއްކި ސިފައިންގެ މީހެއްގެ ހަށިގަނޑު ބަލައިގަންނަން ޢާއިލާ އިން ދެކޮޅު ހަދައިފިއެވެ.
ޢާއިލާ އިން ބުނީ އުމުރުން 33 އަހަރުގެ މެތިޔުގެ ހަށިގަނޑު ޢާއިލާގެ އެއްވެސް މީހަކަށް ނުދެއްކި ކަމަށެވެ. އޭނާގެ އަނބިމީހާއަށްވެސް ނުދެއްކި ކަމަށާއި ނުދެއްކީ ކާކުކަން ވަކިނުކުރެވޭ ވަރަށް އަނިޔާކޮށްފައިހުރުމުން ކަމަށެވެ.
މިދިއަ އާދިއްތަ ދުވަހު މެތިޔު އޭނާގެ އަނބިމީހާއަށް ފޯނުކޮށްފައި ބުނީ އޭނާއަށް ކުށެއް ކުރެވިއްޖެ ކަމަށާއި ކުށަކީ މަރާތީ ޓީވީ ޗެނެލަކަށް ކޭމްޕުގެ ހަޤީޤަތް ކިޔައިދިނުން ކަމަށެވެ. އިސް އޮފިސަރުން ކުރާ ބޮޑެތި ކުށްތައް ކިޔައިދެވުނުކަން ކަމަށާއި ކިޔައި ދިނީ އޭނާއަކީ ކާކުކަން ސިއްރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދިނުމުން ކަމަށެވެ. އެހެންކަމާއިއެކުވެސް އޭނާއަކީ އިންޓަރވިޔުދިން މީހާކަން މިހާރު އޮފިސަރުންނަށް އެނގޭ ކަމަށެވެ.
ހޯމަ ދުވަހު މެތިޔު ވަނީ ގެއްލިފައެވެ. ބުރާސްފަތި ދުވަހު ފެނުނީ މަރުވެފައި އޮއްވައެވެ. ސިފައިންގެ ތަރުޖަމާނު ބުނަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ.
ޢާއިލާއިން ބުނަނީ މެތިޔު އަމިއްލައަށް މަރުވީ ކަމަށް ޤަބޫލުނުކުރާނެ ކަމަށާއި ޢާއިލާއަށް ހަށިގަނޑު ނުދައްކަން އުޅެނީ އެކަމުގައި ސިއްރުތަކެއްވާތީ ކަމަށެވެ. ކޭމްޕުން ފޮނުވި ހޮސްޕިޓަލުން ހެދި ޕޯޓްމޯޓޮމް ޤަބޫލުނުކުރާ ކަމަށާއި އަލުން ޕޯސްޓްމޯޓޮމް ހަދަން ބޭނުން ކަމަށެވެ.
މެތިޔު ޓީވީ ޗެނެލަށް ކިޔާ ދީފައިވަނީ އެކޭންޕުގައި ސިފައިން އަޅުވެތިކޮށްގެން ގެންގުޅޭ އަނިޔާވެރި ގޮތުގެ ވާހަކަތަކެވެ.