ޔާރާ ޕްރޮޑަކްޝަންސް ގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ ދިވެހި ފިލްމު "ވިޝްކާ" މިރޭ ޝްވެކް ސިނަމާގައި ޕްރިމިއާރ ކޮށްފިއެވެ.
އަންހެނެއްގެ ކާއްސަ އެކްޓިންގް ދައްކުވައިދިން މިފިލްމު އަންހެނުންގެ ދުވަހު ޕްރިމިއާރ ކޮށްފައިވާއިރު، މިޚަފްލާގެ ތެރޭގައި އެކިއެކި ޚާއްސަ ކަންތައްތަކެއް ވެސް ހިނގައިގެން ގޮސްފައިވެއެވެ.
އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ، ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަގުނަ އަންހެން ކަނބަލުންގެ ތެރެއިން ތިން ކަނބަލެއްގެ މިންނަތް މަސައްކަތް ޔާރާ ޕްރޮޑަކްޝަންސް އިން ފާހަގަކޮށް އެތިން ފަރާތަށް ހަނދާނީ ލިޔުން ދިނުމެވެ.
އެގޮތުން އެންމެ ފުރަތަމަ ހަނދާނީ ލިޔުން ދީފައިވަނީ މޮޅު ވާހަކަ ލިޔުންތެރިއެއްގެ އިތުރުން އެފަރާތެއްގެ ގިނަ ފިލްމުތަކުން ބެލުންތެރިންނަށް ފުން އަސަރެއް ކުރުވި މޮޅު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ، ފާތުމަތު ނަހުލާ އަށެވެ.
ދެވަނައަށް ހަނދާނީ ލިޔުން ދީފައިވަނީ، ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައިވާ އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ އެކްޓްރެސް ނިއުމާ މުޙައްމަދު އަށެވެ.
ތިންވަނަ އަށް ހަނދާނީ ލިޔުން ދީފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ހިތްތަށް އެފަރާތަކަށް ދެވިފައިވާ، ސެލެބްރިޓީ އަކަށްވީ ނަމަވެސް އެމީހެއްގެ ހިތުގައި އެއްވެސް "ފޮނި" ކަމެއް ނުވާ، ހިތްވަރުގަދަ، ކެރޭ އަދި އަޒުމް ވަރުގަދަ ކަނބަލެއް ކަމަށްވާ ސުނީތާ އަލީ އަށެވެ.
މިތިން ބޭކަނބަލަށްވެސް ހަނދާނީ ލިޔުން ދީފައިވަނީ، ޔާރާ ޕްރޮޑަކްޝަންސް ގެ މައިބާނީ، އާމިނަތު ރަޝީދާ އެވެ.
އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް އަދި ރަވީ ފާރޫޤް ދައިރެކްޓް ކޮށްފައިވާ "ވިޝްކާ" އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިވުމަށްފަހު، މިރޭ ޕްރިމިއާރ ކޮށްފައިވަނީ ވަރަށް ވެސް ފުރިހަމަކަމާއި ކާމިޔާބު ކަމާއިއެކުއެވެ.