ޕެނަލްޓީ ޖަހައިގެން މޮޅުވެ އެސްއޯސީ ހެޑް ކަޕްގެ ޗެމްޕިއަންކަން ތ. އަތޮޅު ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޕެނަލްޓީ ޖަހައިގެން މޮޅުވެ އެސްއޯސީ ހެޑް ކަޕްގެ ޗެމްޕިއަންކަން ތ. އަތޮޅު ހޯދައިފި
އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްދިޔަ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ތ. އަތޮޅު ޕޮލިސް ޓީމް ހޯދައިފިއެވެ.

ޗެމްޕިއަންކަން އެޓީމު ހޯދީ ފައިނަލުގައި ދ. އަތޮޅު ޕޮލިސް ޓީމާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން 3-4 ލަނޑުން މޮޅުވެގެންނެވެ.

ޕެނަލްޓީ ޝޫޓުއައުޓުގައި ތ. ޓީމްގެ ޕެނަލްޓީ ކާމިޔާބު ކޮށްފައިވަނީ އަހުމަދު ރަޝީދާއި، ހުސައިން ރަޝީދާއި، އިސްމާއީލް މާޖިދެވެ. ދ. ޕޮލިސްގެ ޕެނަލްޓީ ކާމިޔާބު ކުރީ އަހުމަދު ރަމްޒީއާއި، އަބްދުލް ޚާލިގެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތ. ޕޮލިސް ޓީމްގެ ގޯލް ކީޕަރު ޖާޒީ ނަމްބަރ 1 އަބްދުﷲ އައުރާފެވެ. އޭނާއަކީ މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުވެސްމެއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ދ. އަތޮޅު ޕޮލިސްޓީމްގެ ޖާޒީ ނަމްބަރ 13 މުހައްމަދު އިހުސާނެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިފައިވަނީ ފުވައްމުލަކު ސިޓީގެ ޖާޒީ ނަމްބަރ 23 މުހައްމަދު ޝިހާމެވެ. އެންމެ ހިންގުންތެރި މެނޭޖަރަކީ ގއ. ޕޮލިސްގެ މެނޭޖަރ މުހައްމަދު އަބޫ ބަކުރެވެ. އެންމެ މޮޅު ކޯޗަކީ ތ. އަތޮޅުގެ ކޯޗުގެ މުހައްމަދު މަސީހެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ގއ. ޕޮލިސް ޓީމެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންވެސް ވަނީ ހޮވައިފައެވެ. އެއީ ދ. އަތޮޅު ޕޮލިސް ޓީމުގެ ޖާޒީ ނަމްބަރ 8 އިބްރާހީމް ހަފީޒާއި، ގއ. ޓީމްގެ ޖާޒީންމަބަރ 8 އަބްދުއްނާސިރު އަލިފުޅާއި، ތ. އަތޮޅު ޕޮލިސް ޓީމްގެ ހުސައިން ރަޝީދާއި، ދ. އަތޮޅު ޕޮލިސް ޖާޒީ ނަމްބަރ 10 އަބްދުލް ޚާލިގު އަހުމަދާއި، ތ. އަތޮޅު ޕޮލިސް ޓީމުގެ ޖާޒީ ނަމަބަރ 5 އަހުމަދު ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތ. ޕޮލިސް ޓީމްގެ ޖާޒީ ނަމްބަރ 11 ނަސްރުﷲ އެވެ.

މުބާރާތުން ދެވަނަ ހޯދި ދ. އަތޮޅު ޕޮލިސް ޓީމަށް ރިހިމެޑަލް، ތަށި، ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ ފައިސާގެ އިނާމް އެސްޓީއޯއިން ދެއްވާ އިނާމް، ހެޔޮއެދޭ ފަރާތްތަކުން ދެއްވާ އިނާމް ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ރިޒާ ދެއްވާ ފައިސާގެ އިނާމް، ހަވާލު ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ އީކުއޭޓަރ ވިލެޖުގެ މެނޭޖަރ މުހައްމަދު ވަހީދެވެ.

ޗެމްޕިއަން ޓީމަށް ހުށަހެޅިފައިވާ ރަންމެޑަލާއި، ފައިސާގެ އިނާމް (ވިހި ހާސް ރުފިޔާ) ޓީފޯޔޫ ރެސްޓޯރެންޓުން ދެއްވާ ފައިސާގެ އިނާމް، ހެޔޮއެދޭ ފަރާތްތަކުން ދެއްވާ އިނާމް، ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފާއި، އަޕަސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް، ހަސަން ހަނީފާއި، ސައުތުސެންޓްރަލް ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅައިފައިވާ މިލްކުވާ ތަށްޓާއި، ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރިމެހުމާން، ސަދަން އޮޕަރޭޝަންސް ކޮމާންޑުގެ ހެޑު އެސިސްޓެންޓް ކޮމިޝަނަރއޮފް ޕޮލިސް ހުސައިން އާދަމެވެ.

މުބާރާތަށްފަހު މިރޭ ވަނީ މުބާރާތް ނިންމުމުގެ ގޮތުން ރޭގަނޑުގެ ކެއުމެއް ބާއްވައިފައެވެ. ގަމުގައި ހުންނަ ރަތްގޭގައި ބޭއްވި މި ކެއުމުގައިވަނީ މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިވެދިން ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައެވެ. ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ އައްޑޫސިޓީ ކޮމާންޑަރ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީއާއި، ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފެވެ.

މިއަދު އޮންލައިން