އެފްސީ ސޫޕް ބަލިކޮށް ބަޖިޔާ ޓީމުން "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފޯރިގަދަ ފައިނަލު މެޗު 0-2 ލަނޑުން ކާމިޔާބުކޮށްގެންނެވެ. ބަޖިޔާ ޓީމުގެ ލަނޑުތައް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އިބްރާހިމްމުބީން އާއި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ ޢަބްދުﷲ ޝާފިއުއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އެޗްޑީސީ ޔޫތް ފުޓްސަލް ކަޕުގައި 108 ޓީމަކުން ބައިވެރިވެފައިވާ އިރު، 1296 ޒުވާނުންގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލު ޝަރަފްވެރިކޮށްދެއްވި މި މުބާރާތުގެ އެމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްސީ ސޫޕްގެ ކޯޗު އަހްމަދުއަރީފްއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ނޫކަށި ފުރާގެ އަލީ އަޖްފާންއަމްޖަދު ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު 13 ގޯލު ޖަހައިގެން ހޯދީ ދާއެޅުން ޓީމުގެ މުހައްމަދު ނާޝިދެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ކޮލެޖް ފްރެންޑްސްއެވެ.
ހައުސިންގޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 80000 ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. އަދި ފެއާރ ޕްލޭ ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.