ސީރިއާގެ ކުޑަކުދިންތަކެއްގެ، އަސަރުގަދަ ވާހަކަތަކެއް

ކިޔުމަށް ހޭދަވާނީ 5މ 7ސ
ސީރިއާގެ ކުޑަކުދިންތަކެއްގެ، އަސަރުގަދަ ވާހަކަތަކެއް
ދާއިމީ ހުއްޓުމެއްނެތި ސީރިއާގައިހިނގަމުންދާ ލޭއޮހޮރުވުންތަކަށް ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަމުގެ ސަބަބުން އެތަކެއް ކުޑަކުދިން ޔަތީމުވެ، ތައުލީމު އުނގެނުމުން ވެސް ވަނީ މަޙްރޫމް ވެފައެވެ.

ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެކުދިންގެ ހިތްތަކަށް ފުން އަސަރެއްކޮށް، ނަފްސާނީ ގޮތުން އެކުދިން ތިބީ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މިހާރު ގިނަ ކުދިންނަށް، މިލޭއޮހޮރުވުންތަކުގެ ކުރިން، އެކުދިންގެ ދިރިއުޅުން ހުރި ގޮތް ހަނދާނެއް ވެސް ނެތެވެ. ސީރިއާ ގެ މުސްތަޤްބަލު އެކުދިންގެ އަތް މަތީގައިވާއިރު، އެކުޑަ ކުޑަ ކުދިން ތިބީ ވަރަށް ބޮޑު ޝޮކެއްގައެވެ.

މިކަންތައްގަނޑުން ސަލާމަތް ވެގެން ސަލާމަތީ އައްސޭރިއަށް ވާސިލް ވެވުނު ބައެއް ކުޑަކުދިންގެ ވެސް ހާލަތު ހުރީ މިފަދަ ގޮތަކަށެވެ. ނަފްސާނީ ގޮތުން އެކުދިންނަށް ލިބުން ގެއްލުންތަކުން އަދިވެސް އެކުދިންނަށް އަރައިނުގަނެވެއެވެ.

މިއީ މިފަދަ ތިން ސީރިއާ ކުއްޖެއްގެ ވާހަކަ ތަކެވެ.

މުޙައްމަދު (އުމުރުން އަށް އަހަރު)

އުމުރުން ފަސް އަހަރުގައި މުޙައްމަދުގެ ބައްޕަ ވަނީ ސްނައިޕަރުން ދިން ހަމަލާއެއްގައި ގަތުލުވެފައެވެ. ބައްޕަގެ ފުރާނަ ނެތް މަސްގަނޑު މުޙައްމަދު އަށާއި އޭނާގެ ދައްތަ އަށް ފެނުމުން، މުޙައްމަދު އަށް ލިބުނު ޝޮކެއްގެ ސަބަބުން އޭނާ އެއްވެސް ހަރަކާތެއް ނުކޮށް ހުއްޓެވެ. އޭނާގެ ދައްތަ، ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ކައިރީ އިނދެ ރުއި އިރު މުޙައްމަދު އިނީ ކައިރީގައި ބަލާށެވެ.

އެހާދިސާއަށް ފަހު މުޙައްމަދުގެ އުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައެވެ. ރުޅިގަދަވެ މީހުންނާއި މުޙާތަބުކޮށް އުޅުމުގައި ނޭދެވޭ ގޮތްތަކެއް ގެންގުޅުނެވެ. މީގެ އިތުރުން އެކަހެރިކޮށް އުޅުމާއި ރޭގަނޑު ނިދީގައި އޮވެ ތަންމައްޗަށް ކުޑަކަމު ދިޔުން ވެސް ހިމެނެއެވެ.

މުޙައްމަދު ބަލަހައްޓަން ތުރުކީގެ އާއިލާއަކުން ގެންދިޔުމުން، އެގޭގައި އުޅޭ މީހުންނާއި ދިމާލަށް އެއްޗެހި ގޮވާ ހެދިއެވެ. އަދި އެގޭގައި އޮތް ކުޑަ ބުޅަލެއް އުސް އިމާރާތަކުން އެއްލާ މަރާލިއެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އާއި ބެހޭ ގޮތުން މުޙައްމަދު ބުނީ "އަހަންނަށް އަދިވެސް ފެނޭ ހަނގުރާމަ. އަހަރެން ބިރު ގަނޭ. އަދިވެސް ހީވޭ ފެންނަހެން މީހުން އަހަންނާއި ދިމާލަށް ބަޑި ދިއްކުރާތަން"
މިހާރު މުޙައްމަދު ދިރުއުޅެނީ ސީރިއާގެ ބޯޑަރު ކައިރީގައި ތުރުކީގައި ހުންނަ ކުޑަކުދިންނަށް ޚާއްސަ ރެސިޑެންޝަލް ސެންޓަރުގައެވެ.
އަޙުމަދު (ނުވަ އަހަރު)

"މަތިންދާ ބޯޓާއި އެއްޗެހި ފެނުނީމަ ބިރުގަނޭ. މަގުމަތީގައި ހިނގަނީ ވެސް މިހާރު ވަރަށް ބަލައިގެން. މައިނެއް އެއްޗެއް އޮވެދާނެ ވަޅުލާފަ. އޭގެ މައްޗަށް އެރިއްޖިއްޔާޔޯ؟ އަހަރެން ވެސް މަރެއްނު ވާނީ"

އުމުރުން ހަތް އަހަރުގައި އޭނާގެ ބައްޕަ ނިޔާވީ މައިނަކަށް އެރި ގޮވައިގެންނެވެ. އެކަމުގެ ސަބަބުން އަހުމަދަށާއި އާއިލާއަށް ކުރި އަސަރެއްގެ ބޮޑުކަމުން، އެކަކު އަނެކަކާއި ވާހަކަވެސް ނުދައްކާ ވަރަށް ގިނަ ދުވަސް ވަންދެން އުޅުނެވެ.

އެހާދިސާއަށްފަހު މަންމަ އާއި އެއްކޮށް އަހުމަދު އާއި އޭނާގެ ދެދައްތަ ދިޔައީ އެހެން އަވަށަކަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެކަކު އަނެކަކާއި ބައިބައިވެ އަޙުމަދުއަށް ދެވުނީ ރައްޤާގައި ހުންނަ އައިއެސްއައިއެސް ޖަމާޢަތުގެ ޑިފެކްޓޯ ކެޕިޓަލްއަށެވެ. އަހުމަދަށް އެތަނަށް ދެވުނީ ތިމާގެ މީހެއްގެ ފަހަތުން ދަނިކޮށެވެ.

އެތަނަށް ދެވުމުން، އެކުޑަ ކުއްޖާއަށް ފެންނަމުންދިޔައީ ބިރުވެރިކަމުން ފުރިގެންވާ މަންޒަަރު ތަކެވެ. ލޮލު ކުރިމަތީގައި، މީހުންގެ ކަރު ބުރި ކުރާ މަންޒަރާއި ދިރިތިއްބާ ރޯކޮއްލާ މަންޒަރެވެ.

އޭގެ އެއް އަހަރު ފަހުން އަޙުމަދު އަށް އޭނާގެ މަންމަ އާއި އާއިލާ އާއި އަލުން ބައްދަލު ވެވުނުއިރު އޭނާ ހުރީ ވަރަށް ބޮޑު ޝޮކެއްގައެވެ. އަބަދުމެ ތުރުތުރު އަޅަމުން ދިޔައިރު، މީހުންނާއި ވާހަކަ ދެއްކުން މަދުވެ ތަޅާފޮޅުން ގިނަވިއެވެ. މަންމަ ގައިގައާއި ދައްތަމެން ގައިގާވެސް ވަރަށް ތެޅިއެވެ.

ތުރުކީގައި ހުންނަ ކުޑަކުދިންނަށް ޚާއްސަ ރެސިޑެންޝަލް ސެންޓަރުން ފަރުވާ ހޯދަމުން، މިހާރު އަޙުމަދުގެ އުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން ދެއެވެ.

ރަޒާން (އުމުރުން ހަތް އަހަރު)

ރަޒާންގެ އާއިލާގައި މަންމަ އާއި ބައްޕަގެ އިތުރުން އެއް ބޭބެ އާއި ފަސް ދައްތަ އަދި އެއް އަންހެން ކޮއްކޮ ހުއްޓެވެ. އޭނާގެ އަންހެން ކޮއްކޮ އާޔާ ދެކެ އާއިލާގެ އެހެން އެންމެންނަށްވުރެ ބޮޑަށް އޭނާ ލޯބިވެއެވެ.
އެކުދިންގެ ބައްޕަ އެކުދިން ގޮވައިގެން ސައިކަލު ދުއްވާލަން ގޮސްހެދިއެވެ. އަދި ވަރަށް ބައިވަރު ހަދިޔާތަށް ވެސް ދީހެދިއެވެ.

ނަމަވެސް، ރަޒާންގެ އުމުރުން ފަސް އަހަރުގައި، ސްނައިޕަރެއް އޭނާގެ ބައްޕަ މަރާލިއެވެ. މިސްކިތުގައި ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ބެލުމަށްފަހު، ރަޒާން މީހުންނާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. ހަމައެކަނި ވާހަކަ ދެއްކީ އޭނާގެ ކޮއްކޮ އާޔާ އާއި އެކަންޏެވެ.

ލެއޮހޮރުވުން ތަކުގެ ސަބަބުން ސީރިއާ އިން ދެވޭތޯ ދިހަ ފަހަރަށް ރަޒާން އާއި އޭނާގެ އާއިލާ މަސައްކަތް ކުރިއެވެ. ނަމަވެސް ދާނެ ތަނެއް ނެތުމުގެ ސަބަބުން ކޮންމެ ފަހަރަކުވެސް އެނބުރި އަންނަން ޖެހުނީ އެބިރުވެރިކަމުގެ ތެރެއަށެވެ.

އެހެން އަވަށެއްގައި ތިމާގެ ބައެއް ކައިރީގައި ދިރިއުޅެވޭ ގޮތް ވުމުން މަންމައާއި އާއިލާގެ އެހެން މީހުންނާއި އެކު ރަޒާން ވެސް އެގެއަށް ބަދަލުވިއެވެ.

ނަމަވެސް، ބޮމުގެ ހަމަލާއެއްގައި އެގެ އެއްކޮށް ވެއްޓުނެވެ. ބޮޑެތި ގައު ތަކުގެ ތެރެއިން ސަލާމަތް ކުރެވޭވަރުވީ ހަމައެކަނި ރަޒާން އާއި އޭނާގެ ދޮށީ ދައްތަ އެކަންޏެވެ. މަންމަ އާއި، ބޭބެ އަދި ދެން ތިބި ހަތަރު ދައްތަގެ އިތުރުން ލޯބިވާ ކޮއްކޮ ވެސް އެހަމަލާގައި މިދުނިޔެއިން ވަކިވެގެން ދިޔައީއެވެ.

އެކަމުގެ ސަބަބުން ރަޒާން އަށްނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް، ދައްތައަށް އަނިޔާކުރަން ފެށިއެވެ. ނިދީގައި އޮވެ ވާހަކަ ދެއްކުމުގެ އިތުރުން އެކަނި އިނދެ ވެސް ވާހަކަ ދެއްކެން ފެށިއެވެ. ރަޒާންގެ ޙިޔާލަށް އަންނަ ކަންތައްތަކަކީ ޙަޤީޤަތް ކަމަށް ހީކޮށް އޮޅުމެއްގެ ތެރޭގައި އިންނަން ފެށިއެވެ.

ތުރުކީގައި ހުންނަ ކުޑަކުދިންނަށް ޚާއްސަ ރެސިޑެންޝަލް ސެންޓަރުގައި ފަރުވާ ހޯދަމުންދާއިރު ރަޒާން ބުނެފައިވަނީ "އަހަރެން ބޭނުންވަނީ އެކަނި ހުންނަން. ދެން ބޭނުންވަނީ އަހަރެން ބޭރަށް ނިކުންނައިރު އެއްވެސް މީހަކު އަހަރެން ރަހީނު ނުކުރާނެކަމާއި، އެއްވެސް ބޮން ގޮއްވުމަކާއި ތަޅާފޮޅުމެއް ނޯންނާނެކަން އެނގެން" ކަމަށެވެ.
މިއަދު އޮންލައިން