ޖަލުގަ 3 އަހަރު ހޭދަކުރުމަށްފަހު ނުކުމެ އިތުރަށް ބޯން ފެށުމުން އުމުރަށް ޖަލުގަ ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
މިމައްސަލަ ކުރިމަތިވީ ދުބާއީ ރައްޔިތަކު މަސްތުވާތަކެތި ބޭނުންކުރާތީ 3 އަހަރަށް ޖަލަށް ލުމުން 3 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު ޖަލުން ނުކުމެ އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށައި އެކަމުގެ މައްސަލަތައް އާއިލާއަށް ކުރިމަތިވާތީ އަނބިމީހާ ކޯޓަށް ދިއުމުންނެވެ.
އަނބިމީހާ ވަރިއަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ފިރިމީހާ ޖަލުން މިނިވަންވުމުން ކުރިއަށްވުރެ ގިނައިން ބޭނުންކުރާ ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ދެދަރިންނަށާއި އޭނާއަށް އަނިޔާކުރާ ކަމަށެވެ. އެކަމާ ބަހެއް ބުނެފިނަމަ ދައްކަނީ ދަންޖެހޭ ވާހަކަ ކަމަށާއި އެހެންކަމުން އޭނާ އާއި 2 ދަރިންނަށް އަބަދު ތިބެންޖެހެނީ ނަފްސާނީ ބިރުވެރިކަމެއްގައި ކަމަށެވެ.
ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ފަނޑިޔާރު ބުނީ އޭނާގެ އުމުރަށް ޖަލުގައި ބަހައްޓަން އަމުރުކުރާ ކަމަށެވެ. އުމުރުގެ އެއްވެސް ހިސާބެއްގައި އޭނާގެ ހާލަތު ބަދަލުވެއްޖެނަމަ އެކަން ކޯޓަށް ހުށަހަޅައިގެން ކޯޓުގެ އަމުރެއް ހޯދައިގެން ޙުކުމް ބަދަލުކުރަން މަސައްކަތްކުރަންވެސް ފަނޑިޔާރު ވަނީ އަންގައިފައެވެ.