20 އަހަރުވީއިރުވެސް ނޯތް ކޮރެއާއަކަށް އަޑެއް ނީވުނު- އަޑު އިއްވާނެ އިތުރު ގޮތެއް ހޯދަންޖެހޭ: އެމެރިކާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
20 އަހަރުވީއިރުވެސް ނޯތް ކޮރެއާއަކަށް އަޑެއް ނީވުނު- އަޑު އިއްވާނެ އިތުރު ގޮތެއް ހޯދަންޖެހޭ: އެމެރިކާ
ނޯތް ކޮރެއާއަށް އަޑު އިވޭތޯ 20 އަހަރު ވަންދެން ކުރި މަސައްކަތްތަކުން އެއްވެސް އަޑެއް ނުއިވުނު ކަމަށާއި އަޑު އިއްވޭނެ އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ޖަޕާނުގެ ޚާރިޖީ ވަޒިރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ ނޯތް ކޮރެއާ އިން ކުރިއަށް ގެންދާ ނިޔުކްލިއަރ ޕްރޮގްރާމްތައް ހުއްޓުވުމަށްޓަކައި 20 އަހަރު ތެރޭގައި ވަރަށް ގިނަ ތަފާތު ގިނަ ގޮތް ގޮތުން މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަސައްކަތަކުން އެއްވެސް އެދެވޭ ނަތީޖާއެއް ނުކުމެފައިނުވާ ކަމަށެވެ.

ޓިލަރސަން ވިދާޅުވީ ކޮންމެ ގޮތަކުން ނަމަވެސް ނޯތް ކޮރެއާގެ ނިޔުކްލިއަރ ޕްރޮގްރާމް ހުއްޓުވެންޖެހޭކަމަށެވެ. ނޫންނަމަ އެކަމުގެ ނުރައްކާ މުޅި ދުނިޔެއަށްވެސް އެބަ އޮތް ކަމަށެވެ.

މިކަމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަންވެސް ޓިލަރސަން ވަނީ ފާހަގަކުރައްވައިފައެވެ. ޓިލަރސަން ވިދާޅުވީ މުޅި ދުނިޔެ ގުޅިގެން ނަމަވެސް މިކަމުގައި ހައްލެއް ހޯދަންޖެހިފައިވާ ކަމަށެވެ. އަދި ނޯތް ކޮރެއާ ބޭނުންހައި ގޮތެއް ޖަޕާނަށާއި ދެކުނު ކޮރެއާއަށް ހަދަން އެމެރިކާއިން ދޫކޮށް ނުލާނެ ކަމަށްވެސް ޓިލަރސަން ވިދާޅުވިއެވެ.

ޓިލަރސަންގެ ވާހަކަފުޅުން ޔަޤީން ވަނީ ނޯތް ކޮރެއާގެ ނިޔުކްލިއަރ ޕްރޮގްރާމާއިމެދު އެމެރިކާއިން ކަންބޮޑުވާ މިންވަރެވެ.
މިއަދު އޮންލައިން