މެދު ރާއްޖެ ތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް އެއްމުބާރާތް ކަމަށްވާ އައިލެންޑަރސް ކަޕް ފުޓްސަލް މުބާރާތް މިއަދު ފަށާގޮތަށް ނިންމައިފިއެވެ.
ޓީމް ފްރޮމް މާސް ފުޓްބޯލް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް ކުރިން ނިންމާފައި އޮތީ އިއްޔެ ނަމަވެސް، މުބާރާތް ފެށުން ލަސްކޮށްފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ވައިރަސްއާ ގުޅިގެންނެވެ.
މ. އަތޮޅު ދިއްގަރުގައި މިއަދު ފަށާ މިމުބާރާތުގައި މިއަދު ހަވީރު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޑީސީޖޭ އާއި މަޑުއްވަރީ މުސްކުޅި ބޯއީސްގެ ޓީމެވެ. ދެ ވަނަ މެޗުގައި ހަވީރު 5:15 ގައި ބައްދަލުކުރާނީ ދަ ގޭންގް އާއި ނާނީ އެވެ.
މ. އަތޮޅު ކައުންސިލާއި މ. އަތޮޅުގެ ފުލުހުންގެ އެހީތެރިކަމާއެކު ބާއްވާ މި މުބާރާތުގައި، މުބާރާތް ބާއްވާ ދިއްގަރަށް ނިސްބަތްވާ 7 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ޑީސީޖޭ، އަސަރުބީ، ބިޒީ ބޯއިސް، މިދިޔަ އަހަރުގެ ރަނަރަޕް ޓީމު އިފްހާމްސް، އެފްސީއެން، ޖަމިއްޔަތުލް ކޮވިގޯނި އަދި އެފްއޯޑީ އެވެ.
މީގެ އިތުރުން މަޑުއްވަރިއަށް ނިސްބަތްވާ 5 ޓީމަކުން މިއަހަރުގެ މުބާރާތުގައި ވަނީ ބައިވެރިވެފައެވެ. އެއީ މަޑުއްވަރީ މުސްކުޅި ބޯއިސް، ނާނީ، މިދިޔަ އަހަރުގެ ޗެމްޕިއަން ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބް، އެސްޕެރެންޒާ އަދި އެފްސީ ބާޒު އެވެ. މ. މުލިން ބައިވެރިވެފައިވާ ހަމައެކަނި ޓީމަކީ އެފްސީ ރިއޯ އެވެ.
މިއަހަރުގެ މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރާ ގޮތަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައެވެ.
މިއަހަރުވެސް މިމުބާރާތުގެ ބްރޯޑްކާސްޓިންގ ޕާޓްނަރއަކީ ވީޓީވީ އެވެ.