ފަލަސްޠީނުގެ ޤައުމީ ފަންޑުގައި ހުރި ހުރިހާ ފައިސާއެއް އަނެއްކާވެސް އިޒްރޭލުން ފޭރިގެންފިއެވެ.
ފަލަސްޠީން ސަރުކާރުގެ ސެކެޓްރީ ޖެނެރަލް ސައިބް އިރިކަތް ވިދާޅުވީ ފަލަސްޠީނުގެ ޤައުމީ ފަންޑުގައި ހުރި ހުރިހާ ފައިސާތަކެއް އިޒްރޭލުން ފޭރިގަތުމަށްފަހު އެއީ ޓެރަރިސްޓު ފަންޑެއްކަމަށް އިޒްރޭލުން ބުނެފައިވާ ކަމަށެވެ.
ފަލަސްޠީނުގެ ޤައުމީ ފަންޑަށް ފައިސާ ޖަމާކޮށްދެނީ މުސްލިމް ޤައުމުތަކުންނާއި ހެޔޮއެދޭ ޤައުމުތަކުންނެވެ. އެ ފަންޑުގައި ހުންނަ ފައިސާ ހޭދަކުރަނީ ސަރުކާރުގެ ރަސްމީ ބޭނުންތަކަށާއި ފަލަސްޓީން ސަރުކާރުގައި މަސައްކަތްކުރާ 35،000 މުވައްޒިފުންނަށް މުސާރަ ދިނުމަށެވެ.
ސައިބް ވިދާޅުވީ މިކަމުގެ ސަބަބުން ފަލަސްޠީނުގެ ހާލަތު ވަރަށް ދަށުދަރަޖަށް ވެށްޓޭނެ ކަމަށެވެ. އަދި މިކަމުގައި ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިޒްރޭލުން ބޭނުންވުމުން އަބަދުވެސް ފަލަސްޠީން ސަރުކާރުގެ ފައިސާތައް ފޭރެއެވެ. ނަމަވެސް އެކަމާއި ދެކޮޅަށް ކަމެއް ކުރެވޭ އެއްވެސް ފަރާތެއް އޮންނަ ކަމަކަށް ނުވެއެވެ. ފަލަސްޠީން ސަރުކާރުގެ ފައިސާ ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ އިޒްރޭލުގެ ބެލުމުގެދަށުގައެވެ.