ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ދުނިޔޭގެ ރީތީގެ ރާނީ، އައިޝްވާރް ރާއީ ބަޗަން ގެ ބައްޕަ ކްރިޝްނާރާޖް ރާއީ އިއްޔެ މުމްބައީ ގައި މަރުވެއްޖެ އެވެ.
އާއިލާއަށް ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓެއްގައި ބުނެފައިވަނީ ސިއްޙީ ގޮތުން ބަލިކަށިވެގެން މީގެ ދުވަސް ކޮޅެއް ކުރިން ކްރިޝްނާރާޖް ސަބަރބަން މުމްބައި ގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރިކަމަށެވެ.
އައިޝްވާރްޔާ ގެ ބައްޕަ އެޑްމިޓްކުރި ޚަބަރު ލިބުމާއިއެކީ ދުބާއީ އަށް ކުރި ދަތުރު ކުރު ކޮށްލާފައި ބައްޕަ ކައިރިއަށް އޭނާ އަވަހަށް ދިޔަކަމަށްވެއެވެ. އަދި އަބީޝޭކް ވެސް ނިއު ޔޯކް ގައި ހުރެފައި އަވަހަށް ބަފާބެ ކައިރިއަށް ދިޔަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކްރިޝްނާރާޖް އަށް ފަރުވާ ކުރަމުން ގެންދިޔައީ ބްލަޑް ކެންސަރަށެވެ. އެޑްމިޓް ކޮށްފައި އޮތް ދުވަސްކޮޅުވެސް ކްރިޝްނާރާޖް ގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ހާލު ރަނގަޅުވަމުން އައީ ވަރަށް ކުޑަކޮށް ކަމަށް ވެސް އެރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް ކްރިޝްނާރާޖް އެޑްމިޓް ކުރި ދުވަހުން ފެށިގެން ވެސް ވަރަށް ގިނަ މީހުން ވަނީ އޭނާއަށް ޒިޔާރަތް ކޮށްފައެވެ.
ކްރިނާރާޖް ރާއީގެ ޖަނާޒާގައި ބޮލީވުޑް ވަރަށް ގިނަތަރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާން، ސަންޖޭ ލީލާ ބަންސާލީ، ސުޖޯއީ ގޯޝް، އަޝުތޯޝް ގޮވަރިކަރް، މަނީޝް މަލޯތުރާ، ސޯފީ ޗޯދުރީ، ސިމީ ގަރޭވާލް، ސޮނާލީ ބެންޑްރޭ، އަނބިމީހާ ނޭނާ ބަޗަން އާއި އެކު ކުނާލް ކަޕޫރު ވެސް ހިމެނެއެވެ.