އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަކީ، ދުނިޔޭގެ އެކި ކަންކޮޅު ތަކުން މީހުން ސަޕޯޓުކުރާ އަދި ލޯބިވާ މީހެކެވެ.
ސޮނީ ޓީވީ އިން ދެއްކި "ކޮމެޑީ ސަރކަސް" އިން އެންމެ ފުރަތަމަ އާއްމުންގެ މެދުގައި މަޤްބޫލުކަން ހޯދި މިކޮމީޑިއަންއަކީ އޭނާގެ މޮޅު ހުނަރުގެ ސަބަބުން އެތައް ބަޔަކު ހެއްވާލާފައިވާ މީހެކެވެ. އޭނާގެ ޖޯކުތަކަށް އާއްމުން ކުރި ތަރުޙީބު އިތުރުވުމުގެ ސަބަބުން މާލަސްތަކެއް ނުވެ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ގެ ނަމުގައި 2013 ވަނަ އަހަރު ކަލާރސްއިން ކޮމެޑީ ޝޯވ އެއް އުފެއްދިއެވެ.
ކާމިޔާބު ކަމާއިއެކު ތިން އަހަރު ހޭދަކުރުމަށްފަހު މިދިޔަ އަހަރު އެޝޯވ ވަނީ ރީބްރޭންޑްކޮށް "ދަ ކަޕިލް ޝަރްމާ ޝޯވ" ގެ ނަމުގައި ސޮނީ އިން ދައްކަން ފަށާފައެވެ. އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ކަޕިލް އެޝޯވ ސޮނީ ޓީވީއިން ދައްކާގޮތަށް ހަމަޖެއްސީ 'ކަލާރސް' އާއި ޖެހުނު ހިތްހަމަ ނުޖެހުމެއްގެ ސަބަބުންނެވެ.
މިއީ ކަޕިލް ޝަރްމާގެ "ބޮޑާ ކަމުގެ" ފެށުން ކަމުގައި ބައެއް މީހުން ބުނެފައިވެއެވެ. ސޮނީއިން ކަޕިލް ޝަރްމާ ޝޯވ ދައްކަން ފެށުމުން ކުރިއެކޭވެސް އެއްފަދައިން އެޝޯވ އަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. ނަމަވެސް ކަޕިލްގެ ޝޯވ ހިޓުވެފައިވަނީ ހަމައެކަނި އޭނާގެ ސަބަބުންނެއް ނޫނޭ ވެސް ބައެއް މީހުން ބުނެއެވެ.
"ދަ ކަޕިލް ޝަރްމާ ޝޯވ" ހިޓް ވުމުގައި މުހިންމު ރޯލެއް އަދާކުރާ އެއްފަރާތަކީ އެޝޯވގައި 'މަޝްޙޫރު ޑރ. ގުލާޓީ' ގެ ރޯލު އަދާކުރާ ކުޅަދާނަ ފަންނާނު ސުނީލް ގްރޯވަރ އެވެ. ސުނީލް ގްރޯވަރ އަކީ އެކިއެކި ގެޓަޕްސް ތަކުގައި އެޝޯވ އިން ފެންނަމުން ދިޔަ ހުނަރުވެރި ކޮމީޑިއަން އެކެވެ. އޭނާއަށް ސަޕޯޓުކުރާ މީހުންވެސް ވަކި މަދެއް ނޫނެވެ.
ނަމަވެސް ދެން "ދަ ކަޕިލް ޝަރްމާ ޝޯވ" އިން ސުނީލް ނުވަތަ 'ޑރ. ގުލާޓީ' ފެންނާނެހެން ހިއެއް ނުވެއެވެ. އެއީ އޭނާއާއި ދޭތެރޭ ކަޕިލް ޝަރްމާ ކަންތައް ކުރި ގޮތުންނެވެ.
މެލްބޯން ގައި ސްޓޭޖް ޝޯވ އެއް ދިނުމަށްފަހު އެނބުރި އިންޑިއާއަށް އައި ފްލައިޓެއްގެ ތެރޭގައި ކަޕިލް ވަނީ ސުނިލް އާއި ދޭތެރޭ ވަރަށް އިހާނެތި ގޮތަކަށް ކަންތައް ކޮށްފައެވެ. ކަޕިލް އިށީންނަން އައި އިރު އޭނާގެ ސީޓުގައި ސުނިލް އިންތަން ފެނިގެން، ސުނިލްގެ ގިރުވާނުގައި ހިފާ ނަގާފައި ސުނީލް އާއި ދިމާލަށް ހަޑި ހުތުރު ބަހުން ކަޕިލް މުޢާމަލާތް ކުރި ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެފައިވެއެވެ.
"ކަލޭ ތީ އަހަރެންގެ ނޯކަރެކޭ" ބުނެ "ކަލޭ މަޝްހޫރުވީ އަހަރެންގެ ޝޯވ އިންނޭ. ކަލޭގެ ޝޯވ ވީ ފްލޮޕް" އޭވެސް ކަޕިލް، ސުނިލް އާއި ދިމާލަށް ބުނިކަމަށް ވެއެވެ. އެހުރިހާ އެއްޗެއް ކީއިރު ކަޕިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ކަޕިލްއަށް "ޑރ. ގުލާޓީ" އެއްވެސް ރައްދެއް ނުދޭ ކަމަށްވެސް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ފެތުރުނު މިއަޑުތަކަށް ރައްދެއް ދިނުމުގެ ގޮތުން ކަޕިލް ޝަރްމާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ ސުނިލް އަކީ އޭނާ ވަރަށް އިޚްތިރާމް ކުރާ މީހެއް ކަމަށެވެ. އަދިފްލައިޓު ތެރޭގައި ވީކަންތައްގަނޑު އާއްމުންނަށް ކިޔާދީފައިވަނީ އިތުބާރު ކުރެވޭ މީހެއްތޯވެސް އޭނާ އަހާފައިވެއެވެ.
ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހުން ކަމަށާއި ނަމަވެސް އެއީ ހަމަ އާދައިގެ ކަމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެކަން ދެމީހުން ވާހަކަ ދައްކައިގެން ހައްލުކުރާނެ ކަމަށާއި އެފަދަ ވާހަކަތައް ފަތުރައިގެން ބެލުންތެރިން މާބޮޑަށް 'މަޖާ ނުކުރުމަށް' ވެސް އޭނާ ބުނެފައިވެއެވެ.
ކަޕިލްގެ ވާހަކަ މިހެން ހުރި ކަމުގައި ވިޔަސް "ދަ ކަޕިލް ޝަރްމާ ޝޯވ" އާއި ގާތް ގުޅުމެއް ހުރި ފަރާތެއް ބުނެފައިވަނީ ކަޕިލް އެފަދައިން ކަންތައް ކުރުމުގެ ސަބަބުން ސުނިލް ގްރޯވަރ ވަރަށް ދެރަވެފައި ހުރިކަމަށާއި އެކަމުގެ ސަބަބުން ދެން އަލުން ކަޕިލް ގެ ޝޯވ އަށް އޭނާ ދާނެހެން ހީނުވާ ކަމަށެވެ.
ރިޕޯޓުތަކުން ހާމަ ކުރާ ގޮތުގައި މިއީ ކަޕިލް ޝަރްމާ އެހެން މީހުންނާއި ދޭތެރޭ މިފަދައިން ކަންތައް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.